ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން ބަލައި ޗާޓަރު ފުލައިޓުތަކެއް އަންނަނީ

31 Jan 2020 | 14:35

ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން އަނބުރާ އެގައުމަށް ގެންދިއުމަށް، ޗައިނާގެ ޗާޓަރު ތިން ފުލައިޓު މިއަދު ރާއްޖެ އަންނާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ހަލުއިކަމާއެކު ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެއާއި ޗައިނާ އާ ދެމެދު ކުރާ ވައިގެ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން، ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު އަންނަ ފުލައިޓުތައް އަންނަނީ ފަސިންޖަރުން ގޮވައިގެން ނޫން ކަމަށާއި ރާއްޖޭގައި ތިބި ފަތުރުވެރިން ބަލައި ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑްވްސް އެއާޕޯޓްސް ކޮންޕެނީ ލޮމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައ ޗައިިނާގެ ފަތުރުވެރިން ބަލާ މިއަދު ޗައިނާގެ ތިން ފްލައިޓެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ ފްލައިޓްތައް އަންނައިރު، އޭގައި އެއްވެސް ފަސިންޖަރަކު ނުތިބޭނެ ކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން މިއަދުން ފެށިގެން ސީދާ ރާއްޖެއާއި ޗައިނާ އާ ދެމެދުކުރާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު މި ބަލީގެ ސަބަބުން މިހާރު އެ ސިޓީ ވަނީ މުޅިން ބަންދުކޮށްފަ އެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެފައި ވެއެވެ. މިހާތަނަށް ކަށަވަރުވި ކޭސްތަކުގެ 99 ޕަސެންޓް ފެނުނީ ޗައިނާ އިންނެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔެގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ސިއްހީ އެމަޖެންސީ އިއުލާންކޮށްފައެވެ.

Advertisement

ކޮމެންޓް