ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރަނީ!

02 Feb 2020 | 19:23

ސުކޫލުތަކުގެ ދަރިވަރުންނަށް ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ގުރުއާން ޓީޗަރަކު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސުކޫލުތަކުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ގުރުއާން ހިމަނާފައި އޮތް ނަމަވެސް، ގުރުއާން ކިޔަވައިދެމުން ދިޔައީ އެއްވެސް ޕްލޭނެއްގެ ދަށުން ނޫން ކަމަށެވެ.

''ގުރުއާނުގެ ރިވިޝަނެއްނެތް، ލެޝަންޕްލޭނެއް ނަހަދާ. ޕްލޭނެއް ނެތި ކިޔަވައިދެމުންގޮސް ދެން މިދެނީ ޓެސްޓެއް.'' ޓީޗަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޓެސްޓުން ކުދިން ފާސްނުވާނެތީ ގުރުއާން މަޖުބޫރު މާއްދާއަކަށް ނަހަދަން ނިންމާފައިވާކަމުގެ މައުލޫމާތު އޭނާއަށް ވެސް ލިބިފައިވެއެވެ.

މިއަހަރު ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ގުރުއާނުން ފާސްނުވުމުން ދަރިވަރުންނަށް އެސްއެސްސީ ގުރުއާން އިމްތިހާނުގައި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ނުބޭއްވުމަށް އެދި ބައެއް ފަރާތްތަކުން ބެލެނިވެރިންލައްވައި ޕެޓިޝަނެއްގައި ސޮއިކުރަމުންދާކަންވެސް ''ވޮއިސް'' އަށް ވަނީ އެނގިފައެވެ. އެނގިފައިވާ ގޮތުގައި ޕެޓިޝަނުގައި ސޮއިކުރަމުންދަނީ މިނިސްޓްރީއަށް އެނގިގެންނެވެ.

ވޮއިސް އަށް ލިބިފައިވާ ޕެޓިޝަނުގެ ކޮޕީއެއްގައި ވަނީ މިއަހަރު ގްރޭޑް 10 ގެ ދަރިވަރުންގެ ސްޓްރީމްތައް ކަނޑައެޅިއިރު، ކިޔަވަންޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން ހިމަނާފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.

ދަރިވަރުންނާއި ޓީޗަރުން ތައްޔާރުނުކޮށް ކުއްލިއަކަށް ގުރުއާނުން ގައުމީފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ނިންމާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރެވިފައި ނެތްކަން ފާހަގަކޮށް ޕެޓިޝަނުގައި ބުނީ، ދަރިވަރުންނަށް ސްކޫލުތަކުން ކިޔަވައިދިން ގޮތާއި އެސްއެސްސީ އިމްތިހާނުދޭން ކަނޑައަޅާފައި އޮތް އޮތުން ތަފާތު ކަމަށެވެ.

ގުރުއާނަކީ މުސްލިމުން އެންމެ ބޮޑަށް އިހުތިރާމްކުރަންޖެހޭ އެއްޗަކަށްވާއިރު، އެކަމަށް ދަރިވަރުން ތައްޔާރުނުކޮށް ކުއްލިއަކަށް އިމްތިހާނު ހަދަންޖެހުމުން ގުރުއާނަށް އޮތް ލޯބި ކުޑަވެގެންދާނެކަމުގެ ބިރު ހީވެފައިވާކަމަށް ޕެޓިޝަނުގައި ވެއެވެ.

އަދި ނަމޫނާ ޕޭޕަރާއި ދަރިވަރުންނަށް ކިޔަވައިދީފައިވާ ގޮތް ތަފާތު ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރު އެސްއެސްސީ އިމްތިހާނުގައި އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ގުރުއާން ނުބޭއްވުމަށް އެދި އެދިފައިވެއެވެ. ނަމަވެސް ބެލެނިވެރިންލައްވައި ސޮއިކުރުވަމުންދާ ޕެޓިޝަނުގައި އިތުރަށް ބުނެފައިވަނީ، މިއަހަރު ގްރޭޑް ދިހައެއްގައި ކިޔަވާ ދަރިވަރުންނަށް ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދީ، އެކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖެއްސުމަކީ ބެލެނިވެރިން އެދޭ ކަމެއް ކަމަށެވެ.

އަދި ޓޮޕްޓެން އަށް އަންނަ ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ އަށް އެކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނަގޮތަށް މިދިޔަ އަހަރެކޭ އެއްފަދައިން އަމަލުކުރުމަށްވެސް ޕެޓިޝަނުގައި އެދިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ނެހެދުމަށް ނިންމާފައިވަނީ ދެ އަހަރު ދުވަހަށެވެ. ނަމަވެސް އެގޮތަށް ބަދަލު ގެނެސްފިނަމަ، އެނިންމުން ދާއިމީ ނިންމުމަކަށް ވެގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ގުރުއާން މަޖުބޫރު މާއްދާއަކަށް ނެހެދުމަށް އެޑިއުކޭޝަނުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ، އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ. އަދި އެކަން އޮތް ގޮތެއް ބަލައި މައުލޫމާތު ހާމަކުރާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް