ހާލަތު ބަލަން ނުދާ ގޭގެއިން މައުލޫމާތު ދިނުމަށް ފުލެޓް ކޮމެޓީން އެދިއްޖެ

07 Feb 2020 | 21:35

ފުލެޓަށް އެދި ފަސް ކެޓަގަރީއަކަށް ފޯމުލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަން ނުދާ ގޭގެއިން މައުލޫމާތު ދިނުމަށް ފުލެޓް ކޮމެޓީން އެދިއްޖެއެވެ.

ފުލެޓް ކޮމެޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އެގޮތުން ފޯމުތަކުގައި ހުރި ބައެއް ނަމްބަރު ތަކަށް ގުޅާއިރު ފޯނަށް ނުގުޅޭ މައްސަލަ ދިމާވާ ކަމަށް ކޮމިޓީން ބުނެއެވެ.

ފަސް ކެޓަގަރީގެ ތެރޭގައި އެޗް15، އެޗް13، އެޗް12، އެޗް5، އަދި އެޗް4 ގެ ކެޓަގަރީއަށް ކުރިމަތިލީ 48 މީހަކު ހިމެނެއެވެ. ފްލެޓް ކޮމިޓީން ބުނީ އެ ފަރާތްތަކަށް ގުޅަން ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް ގުޅިފައި ނުވާ ކަމަށެވެ.

އެ ލިސްޓު ގެޒެޓްގައި އާއްމުކޮށްފައިވާ އިރު، ލިސްޓުގައި ހިމެނޭ ފަރާތްތަކުން 7761108 އަށް ގުޅައިގެން އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން މައުލޫމާތު ހިއްސާކޮށްދޭން ވަނީ އެދިފަ އެވެ. އެ ނަމްބަރުން ގުޅޭ ގޮތް ނުވެއްޖެ ނަމަ އެސްއެމްއެސްއެއް ފޮނުވަން ވަނީ އެދިފަ އެވެ.

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކުރި 7000 ފުލެޓް ވަރަށް އަވަހަށް ހަވާލުކުރާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި މާލެ ހިމެނޭ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 20000 ހާސް މީހުން ތިބިކަން ފާހަގަކުރައްވައި ރައީސް އިއްޔެ ވިދާޅުވެފައިވަނީ އެމީހުންނަށް 4000 ފުލެޓް ހުޅުމާލޭގައި އަޅާނެ ކަމަށެވެ.

Advertisement

ކޮމެންޓް