ކ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްއިން ވާދަކުރާނީ ނިމާލް

07 Feb 2020 | 22:39

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ފަރާތުން ވާާދަކުރައްވާ ކެނޑިޑޭޓަކަށް މުހައްމަދު ނިމާލް ހޮވިވަޑައިގެންފިއެވެ.

މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަން ކުރައްވާފައިވާ ނިމާލް، ޕީޕީއެމްގެ ފަރާތުން ކ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ފަރާތަށް ހަމަޖެހިގެން ދިޔައީ މިއަދު ބޭއްވި ޕީޕީއެމްގެ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ. ނިމާލާއި ވާދަކުރެއްވީ ކ.ތުލުސްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ އިބްރާހިމް ރައޫފެވެ.

ކައުންސިލް އިންތިޚާބުގައި އެ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ނިމާލާއި އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވިފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލީ ޝާހީން ހުސައިނެވެ.

މިއީ ކައުންސިލް އިންތިޚާބެއްގައި ނިމާލް ވާދަކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ނިމާލް ވަނީ 2011ވަނަ އަހަރުގައި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރކަމަށް ޑީއާރްޕީގެ ޓިކެޓެއްގައި ވާދަކުރައްވާ ނާކާމިޔާބު ވެވަަޑައިގެންފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް