ޓާމިނަލްގެ މައްސަަލައިގައި މަޖިލީހަށް ފޮނުވީ ސިއްރު ރިޕޯޓެއް ނޫން: އޭސީސީ

18 Feb 2020 | 00:08

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމްކުރި ސީޕްލޭން ޓާމިނަލް ކުއްޔަށްދިނުމާއި ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓަކީ ސިއްރު ރިޕޯޓެއް ނޫންކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމުގައިވާ "މިހާރު"އަށް މައުލޫމާތުދެއްވި އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ފާހަގަވި ކަންކަން ސިއްރު ޖަހާފައި މަޖިލީހުގެ އިދާރާ އާއި އެމްއޭސީއެލާއި ފިނޭންސް މިނިސްޓްރީ އަށް ފޮނުވީ ރިޕޯޓުގައި ހުރި މައުލޫމާތު އެ ކޮމިޝަނުން އިސްވެ އާންމުކުރަން ބޭނުންވުމުން ކަމަށެވެ.

ނަމަވެސް އޭގައިވާ މުހިންމު ކަންކަން ނޫސް ބަޔާނަކުން އޭސީސީން އާންމުކޮށްފައިވުމުން، މަޖިލީހުގައި މިހާރު އޮތީ ސިއްރު ރިޕޯޓެއް ނޫންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓް، ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އެހެންވެ އެރިޕޯޓު ސިއްރު ކުރަން ކަނޑައަޅާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެރިޕޯޓު ކޮމެޓީއާ ހިއްސާކޮށްފައިވާ ކަމަށާއި ރިޕޯޓަކީ ސިއްރު ރިޕޯޓެއްގެ ގޮތުގައި މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

Advertisement

ކޮމެންޓް