ރާއްޖޭގެ ވަކީލެއްގެ ގޮތުގައި އާމާލް ކްލޫނީ ހަމަޖެއްސި މައްސަލަ އޭސީސީއަށް!

26 Feb 2020 | 18:58

ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ދިވެހިރާއްޖޭގެ ފަރާާތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށައެޅި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރުމަށްޓަކައި މަޝްހޫރު ގާނޫނީ ވަކީލު އާމާލް ކްލޫނީ އައްޔަންކުރި މައްސަލަ، އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައަޅައިފިއެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް އެޑްރެސްކޮށް އަމިއްލަ ފަރާތަކުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ފަރާތުން ވަކާލާތުކުރާނެ ފަރާތަކަށް އާމާލް ހަމަޖައްސާފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 8 ވަނަ މާއްދާގެ (ދ) އާއި ހިލާފަށް ކަމަށެވެ.

މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ފަރާތުން މި މައްސަލައިގައި ވަކާލާތުކުރުމަށް އާމާލް ކްލޫނީއަށް ހަވާލުކޮށްފައިވަނީ އިތުރު އެއްވެސް ފަރާތެއްގެ ކިބައިން މި މަސައްކަތް ކުރާނެ އަގެއް ހޯދުމެއް ނެތިއެވެ. އަދި އާމާލް ކްލޫނީ އަކީ މި ސަރުކާރުގެ ގިނަ އިސްފަރާތްތަކަކާާއި ގުޅުން އޮތް ފަރާތެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި މައްސަލަ ހުށައެޅި ފަރާތުން އެދިފައިވަނީ އާމާލް ކްލޫނީއަށް ދައުލަތުން ކޮންމެ ގަޑިިއިރަކަށް ދޭން ޖެހޭ ފައިސާ ދިނުން ހުއްޓުވައިދިނުމަށެވެ. ބައެއް މީޑިޔާތަކުން ޚަބަރު ފަތުރާގޮތުގައި އާމާލް ކްލޫނީއަށް ސަރުކާރުގެ ފަރާތުން ގަޑިއިރަކަށް 30،000ރުފިޔާ ދޭންޖެހެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެކަމަނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބަންދުގެ މައްސަަލައިގައި އދ.ގައި އެމަނިކުފާނުގެ ފަރާތުން ވަކާލާތުކުރެއްވި ގާނޫނީ ވަކީލެވެ.

Advertisement

ކޮމެންޓް