ޕީއެސްޖީއާއި އެއްވަރުކޮށް ނަޕޯލީ ގުރޫޕުގެ އެއްވަނައަށް

07 Nov 2018 | 06:16

ޕީއެސްޖީ އަދި ނަޕޯލީ ޗެންޕިއަންސް ލީގުގައި ކުޅުނު މެޗު 1-1 ކުން އެއްވަރުވެ ގުރޫޕުގެ އެއްވަނައަށް ނަޕޯލީ ޖެހިލައިފިއެވެ. މި ގުރޫޕުގަ މި ދެ ޓީމް ޕީއެސްޖީގެ ދަނޑުގައި ބައްދަލު ކުރި ފުރަތަމަ ލެގުވެސް ނިމިފައިވަނީ އެއްވަރު ވެގެންނެވެ. އެ މެޗު އެއްވަރުވީ 2-2 ކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ޕީއެސްޖީގެ ފަރާތުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެމްބައްޕޭ ޕެނަލްޓީ އޭރިއާ ތެރެއިން ދިން ޕާހަކުން ބެނާޓްއެވެ.

މެޗު ފެށުނީއްސުރެ ގިނަ ހަމަލާތަކެއް ބުފޮން ބަލަހައްޓަމުން ދިޔަ ޕީއެސްޖީގެ ގޯލަށް ފޮނުވާލި ނަޕޯލިއަށް ލަނޑެއްޖެހޭ ގޮތް މެދުވެރިވީ ލިބުނު ޕެނަލްޓީއަކުންނެވެ. ނަޕޯލީއަށް މި ޕެނަލްޓީ ލިބުނީ އެޓީމުގެ ފޯވަޑް ކަލެހޯންއަށް ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ.

ޕެނަލްޓީ ގޯލަކަށް ހަދައި ނަޕޯލީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އިންސީނިއޭއެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައަށް ނަޕޯލީ ޖެހިލިއިރު، ލިވަޕޫލް އޮތީ ގުރޫޕުގެ ދެވަނައިގައެވެ. އަދި ޕީއެސްޖީ އޮތީ ގުރޫޕުގެ ތިންވަނައިގައެވެ. މި ގުރޫޕުގެ ކޮންމެ ޓީމަކަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އަދި އެބޯތެވެ.

ޗެންޕިއަންސް ލީގުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު މޮނާކޯއަށް ވަނީ ކްލަބް ބުރޫޖް އަތުން 4-0 ކުން ބަލިވެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ގެއްލިފައެވެ. 4-1 ކުން ލޮކޮމޯޓިވް މޮސްކޯ ބަލިކޮށް ޕޯޓޯ ދެވަނަ ބުރާ ގާތަށް ޖެހިލި އިރު އެޓްލެޓިކޯ މެޑްރިޑްވަނީ 2-0 ކުން ބުރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފައެވެ.

Advertisement

ކޮމެންޓް