ލަންކާގައި އެގައުމުގެ ރައްޔިތަކަށް ކޮވިޑް-19 ވައިރަސް ޖެހިއްޖެ

11 Mar 2020 | 13:31

އަވައްޓެރި ސްރީލަންކާގައި، އެގައުމުގެ ރައްޔިތަކަށް ކޮވިޑް-19 ވައިރަސް ޖެހިއްޖެއެވެ.

އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ކޮރޯނާ ވައިރަހަށް ޕޮޒިިޓިވްވެފައިވާ ލަންކާގެ ރައްޔިތަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފިރިހެނެކެވެ. އޭނާއަކީ، ކޮވިޑް-19 ވައިރަސް ހަލުވި މިނެއްގައި ފެތުރެމުންދިޔަ އިޓަލީގެ ފަތުރުވެރިންގެ ގްރޫޕަކާއި އެކު ހަރަކާތްތެރިވަމުންދިޔަ ފަރާތެކެވެ.

މި ގްރޫޕް ދިޔަ ތަންތަނާއި، ބައްދަލުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާގެ އާއިލާާ، ގޭގައި ކަރަންޓީން ކޮށްފައިވާއިރު އޭނާއަށް އެގައުމުގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ލަންކާގެ އިދާރާތަކުން ހާމަކުރާ ގޮތުގައި މާޗްމަހުގެ ދިހަވަނަ ދުވަހާއި ހަމައަށް ކޮވިޑް-19 ވައިރަހަށް ޝައްކު ކުރެވިގެން ޖުމްލަ 18މީހަކު ވަނީ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލްގައި  އެނދުމަތިކުރެވިފައެވެ. އޭގެ ތެރޭގައި ތިން ބިދޭސީންވެސް ހިމެނެއެވެ.

މިއީ ލަންކާއިން ފެނުނު ކޮވިޑް-19ގެ ދެވަނަ ކޭސްއެވެ. އެ ގައުމުގައި މީގެ ކުރިން އެ ވައިރަހަށް ޕޮޒިޓިވްވި ޗައިނާގެ އަންހެން ފަތުރުވެރިޔާއަށްވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.

Advertisement

ކޮމެންޓް