ކޮވިޑް-19ގެ ހާލަތާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގެ ހާލަތު

21 Mar 2020 | 17:05

ދުނިޔޭގެ އިޤްތިޞޯދަށް ފާއިތުވި ޤަރުނުގައި އެންމެ ބޮޑު ލޮޅުމެއް އައިސްފައިވަނީ ބޮޑުހަނގުރާމައިގެ ދުވަސްވަރެވެ. ކޮވިޑް-19އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ހުއްޓެމުންދާ މިދަނޑިވަޅުގައި ބޮޑުހަނގުރާމައިގެ ދުވަސްވަރު އައިފަދަ "ގްރޭޓް ޑިޕްރެޝަން" އަކަށް ދުނިޔެ ގޮސްދާނެކަމަށް ބައެއް މާހިރުން ދަނީ ލަފާކުރަމުންނެވެ.

އެމެރިކާގެ ވިޔަފާރި މަޖައްލާ ފޯބްސްގައި ލިޔެފައިވާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދުގެ ތެރެއިން %20 ދާއިރާތަކަށް ބޮޑެތި ބަދަލުތަށް އައުމުގެ ހިރާސް ވަރަށް ބޮޑެވެ. އަދި އިޤްތިޞާދަށް އަންނާނެ ބަދަލުތަށް ބުރަވަނީ ވައިރަސް ކުރިއަށް އޮތްތަނުގައި ފެތުރިގެންދާނެ ގޮތެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ އިޤްތިޞާދަށް ކުރި ކޮންމެ އަސަރެއް ރާއްޖެއާ ހަމައަށްވެސް ވަނީ ފޯރާފައެވެ. އެގޮތުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދިވެހިރާއްޖޭގެ ހާލަތު ބަދަލުވަމުންދިޔަގޮތާއި، އެދުވަސްވަރު ދިވެހި ދަޢުލަތުން އަޅަމުން ގެންދިޔަ ފިޔަވަޅުތައް މުޙައްމަދު އަމީން ދީދީ ވަނީ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މިފޮތުގައި ވަރަށް ރަނގަޅަށް ސިފަކޮށްދީފައެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދިވެހި ދަޢުލަތަށް ކުރިމަތިވީ ދަތިތަކުގެ ތެރެއިން ފުރަތަމަ ދިމާވާންފެށި ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ކާޑު ލިބުން ދަތިވުމާއި ދަޢުލަތަށް ފައިސާ ލިބުން ދަތިވެ ޚަރަދުތަށް ކުޑަކުރަން ޖެހުމެވެ. މުޙައްމަދު އަމީން ދީދީ ލިޔުއްވާފައިވާ ގޮތުގައި 1360 ވަނަ އަހަރުގެ ޒުލްޙިއްޖާ މަހުގެ 8ވަނަ ދުވަހަކީ (27 ޑިސެމްބަރ 1941) ހަނޑޫ ކޮންޓްރޯލްކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅަންފެށި ދުވަހެވެ. އޭރު މާލޭގައި 8،448 ބަސްތާ ހަނޑޫ ހުރިކަމަށްވެއެވެ. އެހެންނަމަވެސް ރާއްޖޭގެ އަތޮޅުތަކުގައި މީހުން ތިބި ޢަދަދަށް ބަލައި ސިޓީއަށް ހަނޑޫ ދޭން ފެށިއެވެ. 1942ވަނަ އަހަރުގެ އޭޕްރީލް 18ގައި އިތުރަށް ހަނޑޫ ކޮންޓްރޯލް ކުރުމުގެ ގޮތުން މީހަކަށް އިރަކަށް ބައިލާހި ވާވަރަށް ހަނޑޫ ދޫކުރަން ނިންމާ ހަނޑޫ ގަތުމުގެ ކާޑު ދިނެވެ.

އެއަށްފަހު އެންމެ މުހިއްމު ކަމަކަށް ހިނގީ ދަޢުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. 1942ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުން ފެށިގެން ދަޢުލަތުގެ ވަޒީފާތަކުން މުސާރައަށް ދޭ ޢަދަދުތަކުން 1/5ބައި (%20) ކަނޑަން ނިންމުމެވެ.

މިފިޔަވަޅުތަކުގެ އިތުރުން ހަމަ އެދުވަސްވަރު ދިވެހި ދަޢުލަތުން ދިޔައީ ގަސްއިންދުމަށާއި ޚަރަދުތައް ކުޑަކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަނޑުހައިހޫނުކަމެއް ކުރިމަތިވެދާނެކަމަށް ދަޢުލަތުން އިންޒާރުތައް ދެވެމުން ދިޔަނަމަވެސް ގިނަ ދިވެހިން އެހާލަތު އައިސްދާނެކަމަށް އޭރު ޤަބޫލެއް ނުކުރެއެވެ. ދަޢުލަތުގެ ނަސޭޙަތް އެހުމުގެ ބަދަލުގައި ދިވެހިންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނުގެންނަކަމަށް މުޙައްމަދު އަމީން ދީދީ ލިޔުއްވާފައިވެއެވެ.

މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ސަބަބުން ފުރަތަމަ ދިމާވާންފެށި ދަތިތަކުގެ ވާހަކައެވެ. މިހާ ހިސާބުން ކޮވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ދިވެހި ރާއްޖެއަށް މިހާތަނަށް ދިމާވި ދަތިތަށް ބަލައިލުން މުހިއްމެވެ.

އެސް.ޓީ.އޯގައި ކުރިއަށް އޮތް ހަތަރުމަހަށް ވާވަވަރަށް ކާޑުގެ ސްޓޮކް ހުރިކަމަށާއި އިތުރު ފަސްމަހަށް ވާވަރަށް ސްޓޮކް ގެނައުމުގެ މަސައްކަތް ކުރާކަމަށް 04 މާރިޗު 2020ގައި ކުރިއަށް ދިޔަ މަޖިލީހުގެ ބަހުސްގައި ވަނީ ވާހަކަ ދެކެވިފައެވެ. އެހެންކަމުން ކާޑުގެ ދަތިކަން މިވަގުތަށް ނުފޯރިނަމަވެސް ހަނޑޫ ވިއްކަނީ މީހަކަށް ދެކިލޯގެ މަގުންނެވެ.

ޚަރަދުތަށް ކުޑަކުރުމުގެ ގޮތުން 17 މާރިޗު 2020ވަނަ ދުވަހު ވަނީ ސިޔާސީ މުވައްޒަފުންގެ މުސާރައިން %20 އުނިކުރަން ނިންމާފައެވެ. 1942ގައި ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހި ދަޢުލަތުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މުސާރައިން ކަނޑަން ނިންމީވެސް %20އެވެ.

1942ވަނަ އަހަރުގެ މެއި މަހާ ހަމައަށް ހިނގި ކަންތައްތަކާއި މިހާރުގެ ހާލަތު އަޅާކިޔާލުމުން ދުނިޔެއަށް އަންނަ އިޤްތިޞާދީ ލޮޅުންތަކުގައި ދިވެހިރާއްޖެއަށް ކުރާ އަސަރުތަކާއި ދަޢުލަތުން އަޅާ ފިޔަވަޅުތައް ފާހަގަވެގެންދާނެއެވެ. އޭރުގެ ދަޢުލަތުން އެޅި ފިޔަވަޅުތަކުގައި އެންމެ ފާހަގަވީ ކަމަކީ ކާޑުގެ ދަތިކަން އަތުވެދާނެކަމަށްޓަކައި ކުރިއާލާ އަޅަންފެށި ފިޔަވަޅުތަކެވެ. އެގޮތުން ގަސްއިންދުމަށް ދިވެހިންނަށް އަމުރުކޮށް، އެކަން ރާއްޖެތެރޭގައި ނުފެށުމުން ދަޢުލަތުގެ ފަރާތުން ބަޔަކު ވަކިވަކިން ރަށްރަށަށް ފޮނުވައިގެން ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ދިޔައެވެ. ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކުރިއަށް އައި އަހަރުތަކުގައި ރާއްޖޭގެ ހާލަތު ބަދަލުވެގެންދިޔަގޮތް މިލިޔުމުގައި ނުހިމަނާ ނިންމާލަނީ ކުރުކޮށްލުމުގެ ގޮތުންނެވެ.

ބޮޑުހަނގުރާމައިގެ ދުވަސްވަރު އޮތްފަދަ އިޤްތިޞާދީ ތަދުމަޑުކަމަކަށް ނުގޮސް ކޮރޯނާ ވައިރަހުގެ ނުރައްކަލުން ސަލާމަތްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އެފަދަ ހާލަތަކަށް ގޮސްފާނެކަމަށް ޚަރަދުތައް ކުޑަކުރުމަކީ ސަރުކާރުގެ އިތުރުން ފަރުދީ ފެންވަރުގައިވެސް ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން ސަރުކާރުން އެއިރެއްގެ ހާލަތަކާއި ގުޅިގެން އަންގާ އެންގުންތަކަށް ފަރުދީ ފެންވަރުގައި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން މެނުވީ އެކަށީގެންވާ ނަތީޖާއެއް ނުފެންނާނެއެވެ. މިއަދުގެ ހާލަތަކީ އާއްމު ތަންތަނަށް އެއްވުން މަނާކޮށް ގޭގައި މަޑުކުރުމަށް އަންގާ ހާލަތަކަށް ވީހިނދު ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވޭނީ ހުރިހާ ރައްޔިތުން އެއާ އެއްގޮތަށް ޢަމަލުކޮށްގެންނެވެ.

Advertisement

ކޮމެންޓް