Advertisement

މާޗް 27އިން ފެށިގެން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަނީ

25 Mar 2020 | 20:18

މާޗް 27އިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަން ނިންމައިފިއެވެ.

މިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މީޑިޔާއާއި ވާހަކަދައްކަަވަމުން ހާާމަކުރައްވާފައެވެ.

ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލެވޭނެކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއާއި އެކު ދިވެހިރާއްޖެއަށް ފަތުރުވެރިން އައުން އެއްކޮށް ހުއްޓޭނެއެވެ. ނަމަވެސް ގިނަ އެއާލައިންތަކުން މިހާރުވެސް ވަނީ އުދުހުން ހުއްޓާާލައިފައެވެ.

އެމަނިކުފާާނު އިތުރަށް ވިދާޅުވީ ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުޞަތު ދެވޭނެކަމަށެވެ. 

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ލޮޅުންތައް އަރާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަންކަމުން އަރައިގަނެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް