ކޮވިޑް-19 ރިލީފް ޕެކޭޖްގެ ދަށުން ރިސޯޓަކަށް ގިނަވެގެން ދެވޭނީ 7 މިލިޔަނެއްހާ ރުފިޔާ

07 Apr 2020 | 19:59

ކޮވިޑް-19 ރިލީފް ޕެކޭޖްގެ ދަށުން ދޫކުރާ ލޯނުތަކުގެ ދަށުން ރިސޯޓަކަށް އެންމެ ގިނަވެގެން ދެވޭނީ 7.71 މިލިޔަން ރުފިޔާކަމަށް ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު އާންމުކުރި ކޮވިޑް-19 އިކޮނޮމިކް ރިލީޕް ޕެކޭޖްގެ ތަފްސީލްތަކުގައެވެ.

ފިނޭންސް މިނިސްޓްރީއިން ހާމަކުރެއްވި ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލް:

1. ވާކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރުން.

މި ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް، ތިރީގައިވާ ގޮތުގެ މަތިންނެވެ.

ހ. މި ލޯނުތައް ދެވޭނީ %6 އިންޓަރެސްޓްގައި، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއި އެކުއެވެ (މި މުއްދަތުގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ). އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ. މި ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން 08 އެޕްރީލް 2020 ވަނަ ދުވަހު ހުޅުވާލާނެއެވެ.

ށ. ޓޫރިސްޓް ރިސޯޓްތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

• މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާއެވެ.

• ރިސޯޓުތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށާއި، ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާގައި

ގެންގުޅޭ ނިސްބަތް 45 އިންސައްތަ ނުވަތަ އެ އެއަށްވުރެ މަތިތޯ ބަލައި އިސްކަންދެވޭނެއެވެ. މި ކަންކަން ސަރުކާރުން ބެލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް އާ ހިއްސާކުރާނެއެވެ.

• އަދި ރިސޯޓު ނުވަތަ ވިޔަފާރީގެ ނަން-ޕާފޯމިންގ އެސެޓްސް ނެތްތޯއާއި، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯއާއި، ކުރިއަށް އޮތް 3 އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވް ކޮށްހުރިތޯ ބަލައި އިސްކަންދެވޭނެއެވެ.

• ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެއެވެ. މިކަން ސަރުކާރުން ބަލަމުން ގެންދާނެއެވެ.

ނ. 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10.0 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

• މި ސްކީމުގެ ދަށުން ގިނަވެގެން ދޫކުރުވޭނީ ވިޔަފާރިއަކަށް 1.0 މިލިއަން ރުފިޔާއެވެ.

• މި ބައިގެ ދަށުން ލޯނު ދޫކުރުމުގައި، ދިވެހި އޯނާޝިޕުގެ ނިސްބަތަށް ބަލައި އިސްކަންދެވޭނެއެވެ. މިކަން ސަރުކާރުން ބެލުމަށްފަހު ބޭންކް އޮފް މޯލްޑިވްސް އާ ހިއްސާކުރާނެއެވެ.

• އަދި ވިޔަފާރީގެ ނަން-ޕާފޯމިންގ އެސެޓްސް ނެތްތޯއާއި 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯ ބަލައި އިސްކަންދެވޭނެއެވެ.

• ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެއެވެ. މިކަން ސަރުކާރުން ބަލަމުން ގެންދާނެއެވެ.

ރ. 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10.0 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.

ބ. އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ދޭ ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ.

• ލޯނަށް އެދި ހުށަހެޅުމާއި މިކަމާގުޅޭ އެހެނިހެން ތަފްސީލް ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން އާންމު ކުރާނެއެވެ. މި ލޯނުތައް ވިޔަފާރިތަކަށް ދޫކުރުމުގައި، ލޯނު ނަގާ ފަރާތުން އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް (ވަޒީފާ އަދާ ކުރާ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ނުވަތަ ވަޒީފާއާބެހޭ ގާނޫނާ ޚިލާފުވާ ހާލަތެއްގައި މެނުވީ) ޝަރުތުކުރެވޭނެއެވެ.

2. އެޕްރީލް އަދި މެއި 2020 ގެ ކަރަންޓު ބިލުގެ 40 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުން.

3. އެޕްރީލް އަދި މެއި 2020 ގެ ފެން ބިލުގެ 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުން.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ނަމަވެސް މީގެ ސަަބަބުން އާންމު ފަރާތްތަކަށް އެކަށީގެންވާ ނަފާއެއް ކުރާނެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

Advertisement

ކޮމެންޓް