Advertisement

ކޮވިޑް-19 ގެ އުސްއަލި: އަންނަ ހޮނިހިރު ދުވަހު ޓްރިވެންޑްރަމްއިން ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ

08 Apr 2020 | 05:34

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް  2010 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިރޭ އަށެއް ޖެހުމާއި ހަމައަށް ނަތީޖާ ނުލިިބި ވަނީ 80 ސާމްޕަލްގެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 12މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 876 މީހުންކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އިއްޔެ އިންޑިޔާގެ ކޮޗިންއިން އައި ފަރާތްތައްވެސް ހިމެނެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިންކަމަށްވާ މޯލްޑިވިއަންއިން ވަނީ މި ހަފްތާގެ ހޮނިހިރު ދުވަހުގައި އިންޑިޔާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެންނަން ޚާއްސަ ފްލައިޓެއް ބާއްވާނެކަމަށް ހާމަކޮށްފައެވެ.

މިއާއި، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްލެވުނު އެހެން އުސްއަލިތަކަށް މި ހިސާބުން ބަލާލާނަމެވެ.


އަންނަ ހޮނިހިރު ދުވަހުގައި ޓްރިވެންޑްރަމްއިން ދިވެހިން ގެންނަނީ

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގައި މޯލްޑިވިއަންގެ ފްލައިޓެއް ޓްރިވެންޑްރަމާއި މާލެއާއި ދެމެދުގައި އޮންނާާނެ ކަަމަށެވެ. މި ފްލައިޓުން ދަތުރުކުރާނީ މާޗްމަހުގެ 21ވަނަ ދުވަހުގައި އެ އެއާލައިނުން ދަތުރުކުރުމަށް ކުރިން ޓިކެޓް ނަންގަވާފައިވާ ފަރާތްތަކާއި، އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް ގޮސް ތިބި ފަރާތްތައް ކަމަށް އެބޭފުޅާ ހާމަކުރެއްފިއެވެ.

މޫސާ މިރޭ ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ބާއްވާ ފްލައިޓްތަކުގެ ޓިކެޓްތައް ވިއްކާ އަގުތައް ކަމާއިބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރުމަށްފަހު ކުޑަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން  ކޮލަމްބޯއަށް 220 ޑޮލަރު،  ކޮޗިންއަށް 149 ޑޮލަރު، ޓްރިވެންޑްރަމްއަށް 199 ޑޮލަރު އަދި  ކުއާލަލަމްޕޫރަށް 330 ޑޮލަރުގެ ގޮތަށް ވަނީ ޓިކެޓްގެ އަގުތައް ކުޑަކޮށްފައެވެ.


ރާއްޖެއިން ފުރައިގެން ގައުމަށް ދިޔަފަހުން ޕޮޒިޓިވްވީ ދެ ރިސޯޓްގައިވެސް މަސައްކަތްކުރި މުވައްޒަފެއް!

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރ.އަތޮޅުގައި ހިންގާ ޖޯލި މޯލްޑިވްސް އަދި ބޮޑުފުށި ރިސޯޓް މޮނީޓަރިންގެ ހާލަތަށް ލެވުނީ އެ ދެތަނުގައި މަސައްކަތްކުރުމަށްފަހު މުވައްޒަފަކު އެނބުރި ގައުމަށް ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް ޓެސްޓް ކުރެވުމުން ކަމަށެވެ. މި ދެ ރިސޯޓަކީވެސް އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާާ ދެ ރިސޯޓްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މި މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް ޓެސްޓް ކުރެވުނީ މިމަހުގެ ހަވަނަ ދުވަހުގައެވެ. މިކަމާއި ގުޅިގެން މި ދެ ރިސޯޓްގައި ދަނީ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރެވެމުންނެވެ.

މިއީ 7 އެޕްރީލްވީ ދުވަހުގެ ރޭ ބޭއްވުނު ނޫސްވެެރިންގެ ބައްދަލުުވުުމުގެ އުސްއަލިތަކެވެ.

Advertisement

ކޮމެންޓް