މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ވަގުތީ ބިލެއް ހުށައަޅައިފި

08 Apr 2020 | 19:53

ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެސް، މިހާރު ތިިބި ކައުންސިލަރުންގެ ދައުރު ދިގުދަންމާލެވޭނެފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ފަރާތުން ވަގުތީ ބިލެއް ހުށައަޅައިފިއެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ އެޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛު ހަސަން ލަތީފެވެ.

މި ބިލްގައި ފާހަގަކޮށްފައިވާ ގޮތުގައި ދެން އެންމެ އަވަހަށް ލޯކަލް ކައުންސިލް އިންތިޚާބެއް ބޭއްވެންދެން މިހާރު ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުގައި ކައުންސިލަރުންގެ ގޮތުގައި ތިއްބަވާ ފަރާތްތަކަށް އެމަގާމްތަކުގައި ތިބެވޭނެއެވެ. މި ބިލަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރެވުމުންނެވެ. އަދި އުވިގެންދާނީ މި އާ ކައުންސިލަރުން އިންތިޚާބު ކުރެވި މަގާމުގެ ހުވާކުރާ ހިސާބުންނެވެ.

މި ބިލް ހުށައަޅުއްވަމުން ހަސަން ލަތީފް ފާހަގަކުރެއްވި ގޮތުގައި ބިލުގެ މަގްސަދަކީ ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވިގެން ކުރިމަތިވާ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދުމެވެ. މިހާރު މިފަދަ ހާލަތެއްގައި އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

ފާހަަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މި ބިލް ހުށައަޅާފައިވާ ވަގުތަކީ ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ގާނޫނު އަސާސީ އިސްލާހުކުރުމަށް ބިލެއް ހުށައަޅާފައިވާ ދަނޑިވަޅެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މިއީ ކުއްލި ނުރައްކަލުގެ ހާލަތެއްކަމަށާއި މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް