ކޮވިޑް-19ގެ އުސްއަލި: ކަރަންޓީން ފެސިލިޓީތައް ހުސްވާ ވަރަކަށް މީހުން ގެންނާނެކަމަށް ބުނެފި

14 Apr 2020 | 01:17

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 2710 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިިބި ވަނީ 18 ސާމްޕަލްގެއެވެ. މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި އެގާރަ މީހުން ތިބިއިރު، ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 817 މީހުންކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖެއިން ބޭރުން އަންނަން ބޭނުންވާ ހުރިހާ އެއް ފަހަރާ ގެނެސް ދިވެހިން ކަރަންޓީންގައި ބޭތިއްބުމުގައި ދަތިތަކެއް ހުންނާނެކަމަށް ފާހަގަކޮށްފައެވެ.

މިއާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްލެވުނު އެހެން ވާހަކަތަކަށް މިހިސާބުން ބަލާލާނަމެވެ.


ކަރަންޓީން ފެސިލިޓީތައް ހުސްވާ ވަރަކަށް މީހުން ގެންނާނަން

މަބްރޫކް ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަން ބޭނުންވާ ހުރިހާ ދިވެހިން އެއްފަހަރާ ގެނެސް ކަރަންޓީންގައި ބޭތިއްބުމުގައި އެއްވެސް ފައިސާގެ ދަތިކަމެއް ނެތްކަމަށެވެ. ނަމަވެސް އެ ހުރިހާ ފަރާތްތައް އެއްފަހަރާ ގެނެސްފިނަމަ އެ ހުރިހާ ފަރާތްތަކަށް ބޭނުންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ލިބުމުގައި ދަތިތަކެއް ހުރެދާނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެގޮތުން މިވަގުތު ރާއްޖޭގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ 45 އިންސައްތަ ޢާންމު ސިއްޙީ ޚިދުމަތްދިނުމަށް ޚާއްސަކުރަން ޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރީ 1145 ކަރަންޓިން ފެސިލިޓީ އެކޮމަޑޭޝަންކަމަށާއި، ވިސްނުމަކީ އެތަންތަނުން މީހުން ހުސްވާ މިންވަރަކުން ރާއްޖެއިން ބޭރުން މީހުން ގެނައުން ކަމަށެވެ.


އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ތިބި އެންމެން ދޫކޮށްލުން ފަަސްކޮށްފި

މަބްރޫކް ވިދާޅުވީ ފިލިޕީންސްއިން އައުމަށްފަހުގައި އެތަނުގައި ސާދަ ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުމަށްފަހު އެގްޒިޓް ސްކްރީނިންގ ކުރަނިކޮށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެތަނުގައި ތިބި އެންމެން ދޫކޮށްލުން ފަސްކޮށްފިއެވެ.

އެރިޔަދޫގައި ތިބީ އިނގިރޭސިވިލާތުންނާއި ފިލިޕީންސްއިން އައި ދިވެހިންނެވެ. މި ހުރިހާ ފަރާތްތަކުންވެސް އައީ ގަތަރުގެ ދޯހާގައި އެއްކޮށް ޓްރާންސިޓްކޮށްފައެވެ. މަބްރޫކް އިތުރަށް ވިދާޅުވީ އެގޮތަށް ނިންމީ ސަލާމަތްތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި އެކަމުގައި މާދަމާ އިތުރު ގޮތްތަކެއް ނިންމާނެ ކަމަށެވެ.

މިއީ 13 އެޕްރީލްވީ ދުވަހުގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ.

Advertisement

ކޮމެންޓް