ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާލެއިން ފެނިއްޖެ

15 Apr 2020 | 13:23

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާލެއިން ފެނުނުކަން އެޗްޕީއޭއިން އިއުލާންކޮށްފިއެވެ.

އެފަރާތުން ކުރި ޓްވީޓެއްގައި ބުނީ ‏މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް-19‬⁩ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާކަމަށް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާގޮތުގައި މިކަން ކަށަވަރުވެފައިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހު 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޯވިޑް-19 އަށް ޓެސްޓުކުރުމުންނެވެ.

މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ޙަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން މިމަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ސަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އަދި ޕޮޒިޓިވް ވިފަރާތް މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކުރެވިފައެވެ. މިހާތަނަށް ބެލިބެލުމުގައި ރާއްޖެއިން ބޭރަށް އެމީހާ ދަތުރުކޮށްފައި ނުވާކަން ފާހަގަކުރަމެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވައެވެ. މިގޮތުން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް އެޗްޕީއޭއިން ގޮވާލައްވައެވެ.

އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ،

Advertisement

ކޮމެންޓް