ތިބާއަށްވުރެ ނިކަމެތީން މުޖުތަމައުގައި އެބަތިއްބެވެ!

24 Apr 2020 | 12:22

މިއަދަކީ ހިޖުރައިން 1441ވަނަ އަހަރުގެ ބަރަކާތްތެރިވެގެންވާ ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. ރަމަޟާން މަހަކީ މުސްލިމުންނަށް އަހަރުގައި އަންނަ އެންމެ ބަރަކާތްތެރި އެއް މަހެވެ. މި މަހަކީ ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސެންދެން ރޯދައަށް މުސްލިމުން ތިބޭ މައްސަރެވެ. ދަމު އަޅުކަމައިގެން މަޝްއޫލުވެ، ދަރުމައާއި ސަވާބަށް އެދި އެންމެން މަސައްކަތް ކުރާ ދުވަސްވަރެވެ. އަހަރުގައި އެންމެ ބަރަކާތްތެރި ރޭ ކަމުގައި ލައިލަތުލްގަދްރި ވިލޭރޭގެ ބަރަކާތް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ މަހެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މުޅި މުސްލިމް އުންމަތް ޚާއްސަ ދުވަހެކެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމުން، ބަރަކާތުގެ މައްސަރަށް ވީހާވެސް އުފަލާއި އެކު މަރުހަބާކިޔާ ދުވަހެވެ. އެހެނަސް، މި އަހަރު މުޅި އުންމަތް، މޮޅީގެ ސާލަކުން އޮޅާލެވިފައިވާ ފަދައެވެ. 

ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާއިރު، އެކަމުގެ ވޭނާއި ބުރަ އެތަކެއް މުސްލިމް ގައުމުތަކުންވެސް ދަނީ އުފުލަމުންނެވެ. ތަރާވީހް ނަމާދާއި، ދަމު ނަމާދާއި، ރޯދަ ވީއްލުމަށާއި ނަމާދަށްޓަކައި މިސްކިތަށް ދިއުން ފަދަ މުހިންމު ރަމަޟާން މަހުގެ މުހިންމު އާދަތަކާއި އެތައް މިލިޔަން މުސްލިމުންނެއް މިފަހަރު ދުރުވާން ޖެހެއެވެ. މި ހާލަތުގެ ގިލަނުގައި މުޅި އުންމަތް ގިސްލާ ރޮމުންދާ ފަދައެވެ. ދުއާގެ އަތްތައް ނަގައި، މި ހާލަތުން އަވަހަށް މިންޖުކޮށްދެއްވުން އެދި މާތް ރަސްކަލާނގެ ހަޟްރަތަށް އެތައް ބަޔަކު ދަނީ ދުއާ ދަންނަވަމުންނެވެ.

މަތީގައި ބަޔާންކުރެވިފައިވާ މި ހާލަތުގައި އަދު އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހި ވަތަންވެސް އެބައޮތެވެ. ކޮވިޑް-19ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، މުޅި ދިވެހިރާއްޖެ އޮތީ ރަށުބަންދުގެ ހާލަތެއްގައެވެ. ވެރިކަންކުރާ ފުރަމާލެ އޮތީ ލޮކްޑައުންގެ ހާލަތެއްގައެވެ. ރަށްތަކާއި މާލޭގެ މިސްކިތްތަކަށް ނަމާދަކަށް ނޭރެއެވެ. ގޭގައި އުޅޭ ފަރާތްތައް ފިޔަވައި އާއިލާގެ އެހެނިހެން މެންބަރުންނާއި ގާތް ފަރާތްތަކާއި އެކު ރޯދަ ވީއްލުމަކީ މިދުވަސްވަރު ކުރުން އެންމެ ރަނގަޅުކަން ނޫންކަމަށް ސިއްހީ ޚިދުމަތްތެރިން ވަނީ ލަފާދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންއަކަށް ދިއުމުގެ މާ ކުރިން ފެށިގެން މި ބަލިމަޑުކަމުގެ އިގްތިސާދީ އަސަރު ދިޔައީ އެތަކެއް ބަޔަކަށް ކުރަމުންނެވެ. މުޅި ދުނިޔޭގައިވެސް ދަތުރުފަތުރުތައް ހުއްޓުމާއި އެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ލޮޅުންތަކެއް އެރިއެވެ. ނަތީޖާއެއްގެ ގޮތުން އޭގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނީ އެ ދާއިރާއާއި އެކަމާއި ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ނިކަމެތި މަސައްކަތްތެރިންނަށެވެ. ވަޒީފާތަކުން ކަނޑާލައި، މުސާރައިން ބޮޑު ބައެއް ކަނޑާލައި، ނޯޕޭ ލީވްތަކުގައި ރަށްރަށަށް ފޮނުވާލެވުނެވެ. އޭރުވެސް ބިރުވެރި ހާލަތެއްގެ ތެރޭގައި ނަމަވެސް ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ދިވެހިރާއްޖެ ދިޔައީ މަޑުމަޑުން ތައްޔާރު ވަމުންނެވެ. އެހެނަސް މިފަދައިން ދިމާވުމުން ގައުމުގެ ގިނަ ބަޔަކު ތިބީ ރަމަޟާން މަހަށް ބޭނުންވާނެ ތަކެތި ހަމަކުރުމަށް އަމަލު ކުރާނެ ގޮތެއް ކަށަވަރު ނުވާ ހާލުގައެވެ.

މި ހާލަތުގައި ގިނަބަޔަކު ތިއްބާ އިވިގެން ދިޔައީ ބިރުވެރި ޚަބަރެކެވެ. ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތެއްގެ ސަބަބުން މުޅި މާލެ ކުއްލިގޮތަކަށް ލޮކްޑައުންއަކަށް ގެންދިޔަކަމެވެ. ރޯދަމަސް ކައިރިވެފައި އޮއްވާ މިހެން ދިމާވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ގިނަބަޔަކު ގެއަށް ބޭނުންވާ ތަކެތި ގަތުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުމެވެ. އެތައް ބަޔެއްގެ އާމްދަނީގެ މަގުތައް ބަންދުވެގެން ދިއުމެވެ.

ޝައްކެއްވެސް ނެތެވެ. މިއީ އެހެނިހެން އަހަރުތަކުގެ ރަމަޟާން މަހާއި އަޅާބަލާއިރު ހުރިހާ ގޮތަކުންވެސް ތަފާތު ފަހަރެކެވެ. ގައުމުގެ ގިނަ ބަޔަކު ދަތިހާލުގައި ތިބި ދުވަސްވަރެކެވެ. އެހެންކަމުން މިއީ އުންމަތުގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން ދައްކުވައިދޭންވީ ލާމަސީލު ވަގުތު ނޫންތޯއެވެ؟ 

އިގްތިސާދުކުރުން އިސްކޮށް، ގޭތެރޭގައި ރޯދަވީއްލާނެ ތަކެތި ކާތަކެތި އިސްރާފުވެދާނެ މިންވަރަކަށް ނަހައްދަވާށެވެ. ވީ މިންވަރަކުން ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ވަކިން ޚާއްސަކޮށް އަޅާލާނެ ފަރާތެއް ނެތި އާންމުކޮށް މިސްކިތްތަކުން ރޯދަ ވީއްލާ ބިދޭސީންގެ ހާލު ބަލާށެވެ. ގޮތެއް އޮތްނަމަ ފައިސާގެ އެހީއެއް ނުވަތަ ކާނެއެއްޗެއް ނަމަވެސް ދިއްކޮށްލައްވާށެވެ. 

ދަންނާށެވެ! ތިބާއަށްވުރެ ދަތި ހާލަތުގައި އުޅޭނެ އެތައް ބަޔަކު މި މުޖުތަމައުގައި ތިބޭނެއެވެ. ވީ މިންވަރަކުން އެބައިމީހުންގެ ހާލަތު ދަނެ، އެހީތެރިކަން ފޯރުކޮށްދޭށެވެ. މި ދަތި ހާލަތުން މިންޖުކޮށްދެއްވުން އެދި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ކިބައިން ދުއާ ދަންނަވާށެވެ. އިރާދަކުރެއްވިއްޔާ އެކަލާނގެ ރަހުމަތާއި އެކު މި ރަމަޟާން މަސް ވެގެންދާނީ ތަފާތު ވިޔަސް، ދިވެހި މުޖުތަމައު އެކުވެރިކަމާއި އެކު ދަތި ހާލަކުން އަރައިގަނެވުނު މައްސަރަކަށެވެ.

ވޮއިސްގެ ޓީމްގެ އެންމެހާ މެންބަރުންގެ ނަމުގައި އެންމެހާ ކިޔުންތެރިންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ! އަދި އެންމެހާ ފަރާތްތައްވެސް ރައްކާތެރިކަމާއި ފުރިހަމަ ސިއްހަތުގެ ނިއުމަތުގައި ލެހެއްޓެވުމަށް އެދި ދުއާކުރަމެވެ!

Advertisement

ކޮމެންޓް