ވެންޓިލޭޓަރުތައް ހޯދަން އެދުނީ އިތުބާރުހިފޭ ދިވެހި ތިން ކުންފުންޏެއްގެ ކިބައިން: އަމީން

29 Apr 2020 | 13:50

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ހޯދަން ނިންމި 200 ވެންޓިލޭޓަރު ހޯދުމަށް އެދިފައިވާނީ އިތުބާރު ހިފޭ ދިވެހި ތިން ކުންފުންޏެއްގެ ކިބައިންކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުން ލަސްވަމުންދާ މައްސަލައާއި ގުޅިގެން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ލިޔުމުން ޖަވާބު ހޯދުމަށް އެދުނު ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.

މިނިސްޓަރ ވިދާޅުވީ 200 ވެންޓިލޭޓަރު ހޯދުމަށް ޕޮލިސީ ކޮމެޓީގެ ފަރާތުން ނިންމެވީ 15 މާރިޗުގައި ކަމަށާއި އެކަމާއި ގުޅިގެން ބޭނުންވާ މައުލޫމާތު ހޯދައި ސްޕެސިފިކޭޝަން ތައްޔާރުކޮށް ތިން ކުންފުންޏެއްގެ ކިބައިން އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހޯދުމަށް، އެ މަހުގެ 18ވަނަ ދުވަހުގައި އެދެވުނުކަމަށެވެ. އެބޭފުޅާ ވިދާޅުވީ އެ ކުންފުނިތަކަކީ މީގެ ކުރިންވެސް މިނިސްޓްރީއަށް މެޑިކަލް އިކުއިޕްމެންޓް ފޯރުކޮށްދީ، މިނިސްޓްރީއަށް އިތުބާރު ހިފޭ ތިން ކުންފުނިކަމަށެވެ.

އެއީ އެސްޓީއޯ، މެޑްޓެކް އަދި ނާޑް ޕްރައިވެޓް ލިމިޓެޑް ކުންފުންޏެވެ. މި ތިން ކުންފުނީގެ ހުށައެޅުންތަކަށް ބެލުމަށްފަހު، މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ނިންމީ ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ ދަށުން މެޑްޓެކް އަދި ނާޑް ޕްރައިވެޓް ލިމިޓެޑްގެ އަތުން ވެންޓިލޭޓަރުތައް ގަންނާށެވެ. މިފަދައިން ނިންމީ ވެންޓިލޭޓަރުތައް ހޯދުމަކީ ވީހާވެސް އަވަހަށް ކުރަންޖެހޭ ކަމަކަށް ވާތީކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ ކުންފުނިތަކުން ވެންޓިލޭޓަރުތައް ގެންނަން ކަނޑައެޅި މުއްދަތުގައި ގެނައުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. މިއީ ކޯޓޭޝަން ހޯދި އިރު ކުންފުނިތަކަށް އުއްމީދު ކުރެވުނު ގޮތެެއް ނޫންކަމަށް އެފަރާތްތަކުންވެސް އަންގާފައިވާކަމަށް އަމީން ވިދާޅުވިއެވެ.

ނަމަވެސް ކުންފުނިތަކުން ދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ރިއާޔަތްކޮށް ހެލްތު މިނިސްޓަރ އަމީން ވަނީ އަންނަ މަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ދިވެހިރާއްޖެއަށް ގެނެވެން ފަށާނެކަމަށް ހާމަކުރައްވާފައެވެ. އެގޮތުން މެޑްޓެކްއާއި ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މެއިމަހުގެ އެކެއްގައި، އަދި 10 ވެންޓިލޭޓަރު އެ މަހުގެ 15 ވަނަ ދުވަހުގައި ގައި ރާއްޖެއަށް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ނާޑް ކުންފުންޏަށް ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރުތައް ލިބުން ލަސްވަނީ އެ އުފައްދާ ކުންފުންޏަށް ދިމާވެފައިވާ ދަތިތަކަކާއި ގުޅިގެންކަމަށް އަންގާފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ނަމަވެސް އެކަމާއި މެދު އެހެން ގޮތެއް ހޯދުމަށް މިހާރު އެންގިފައިވާނެކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ އޮފީސް އަދި ޔޫއޭއީގެ ކަންޓްރީ އޮފީސް މެދުވެރިކޮށް ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ ދަށުން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންގ ކިޔާ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރެވުނުކަމަށް ވަނީ ބުނެފައެވެ. މީގެ ތެރެއިން ދިހަ ވެންޓިލޭޓަރު މިމަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް ގެނެވޭނެއެވެ.

Advertisement

ކޮމެންޓް