މިހާތަނަށް ފަސް ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

09 May 2020 | 14:39

މިހާތަނަށް ފަސް ފުލުހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ރޭ ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އެވެ. 

މިނިސްޓަރ އިމްރާން ވިދާޅުވީ ފަސް ފުލުހުން ޕޮޒިޓިވްވެ، 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓީން ކުރެވިފައިވާ ކަމަށެވެ. މިއީ މަސައްކަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެބޭފުޅާ ވަނީ ސިފަކުރައްވާފައެވެ.

"ގިނަ އަދަދެއްގެ ފުލުހުުން ކަރަންޓީން ވެގެން ދިޔުން. އަޅުގަނޑުމެންގެ ކުރާ މަސައްކަތުގައި ފޯސް އިން މަދުވާ މަދުވުމަކީ، ވަރަށް ބޮޑު ޗެލެންޖެއް"، މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިކަމާއި ގުޅިގެން މިހާރުވެސް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެގޮތުން ވީހާވެސް މަދުން އާއިލާތަކުގެ ގާތަށް ޒިޔާރަތްކުރަން ފުލުހުންނަށް އިރުޝާދުދީ، ގިނަ އަދަދެއްގެ ފުލުހުން ގެއަށް ނުގޮސް އެހެން ތަންތަނުގައި މަޑުކުރެވޭނެ އިންތިޒާމު ހަމަޖައްސާދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފުލުހުންގެ މަސައްކަތުގައި ފަހަތަށް ނުޖެހޭނެކަމުގެ ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

Advertisement

ކޮމެންޓް