މިވަގުތަކު ނެތް އައްޑޫއިން ޓެސްޓް ކުރެވޭކަށް، ޖެހޭނީ މާލެ ފޮނުވަން: މޭޔަރު ސާދިޤް

09 May 2020 | 22:04

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެގޮތެއް އަދި ހަމަޖެހިފައިނުވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އައްޑޫ އިން މާލެ ފޮނުވި ބަލި މީހަކު ކޮވިޑް-19 އަށް ޕޮސިޓިވްވުމާ ގުޅިގެން މުޅި އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކުރުމަށް މިއަދު ވަނީ ނިންމާފައެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެގޮތެރެއިން މިހާތަނަށް އެމީހައާ ޑައިރެކްޓް ކޮންޓެކްޓުވި 26 މީހެއް ފާހަގަވެފައި ވީނަމަވެސް މި މީހުން މިވަގުތަށް އެކަހެރިކުރުމުގެ އިތުރުން ޓެސްޓްކުރެވޭނެ ރައްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑު ސިޓީގައި ނެތްކަމަށް ސާދިގުވަނީ ވިދާޅުވެފައެވެ.

ސާދިގު ވިދާޅުވިގޮތުގައި ރާއްޖެއިން ކޮވިޑް19 ފެނުމާއެކު އައްޑޫ ސިޓީއިން ގެންދަވަނީ އެޗްޕީއޭއާއި ސަރުކާރުގެ އިރުޝާދުގެ ދަށުން ހާލަތަށް ތައްޔާރުވަމުންކަމަށެވެ.ނަމަވެސް އައްޑޫގައި ކޮވިޑް19 އަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިނެތްކަމަށާއި، އެކަން ކުރަން ޖެހޭނީ މާލެއިންކަން ސޯބެ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޖެހޭނީ ސާމްޕަލްތައް މޭލެއަށް ފޮނުވަން. އައިޖީއެމްއެޗްއިން ޓެސްޓްކޮށް ނަތީޖާ ލިބޭނީ. ކޮވިޑް ހޮސްޕިޓަލް ނިމުނީމަ ތިކަންތައް ކުރެވޭނެކަމަށް މިބަލަނީ.... ދަންނަވަންޖެހޭނީ މިވަގުތަކު ނެތް އައްޑޫއިން ޓެސްޓް ކުރެވޭކަށް" މާލެ ސިޓީއަށްފަހު އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައިި ކޮވިޑް19 އަށް ޓެސްޓް ކުރުމާއިބެހޭގޮތުން ސާދިގު ސަންގު ޓީވީއަށް މިރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ބޭނުންވާވަރަށް ޕީޕީއީއެއް ނެތް!

ކޮޮވިޑް-19ގެ ހާލަތާއި ގުޅިގެން އެންމެ ބޭނުންވާ މިންވަރަށް އައްޑޫ ސިޓީގައި ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް ނުވަތަ ޕީޕީއީ ނެތްކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުސާދު ވިދާޅުވެފައިވެއެވެ.

އެބޭފުޅާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ބޭނުންކުރުމަށް ކޮންމެވެސް ވަރަކަށް ޕީޕީއީ އެބަހުރިކަމަށާއި، ނަމަވެސް އެއީ އެންމެ ބޭނުންވާ މިންވަރު ނޫންކަމަށެވެ. ފާހަހަކޮށްލެވޭ ގޮތުގައި އައްޑޫ ސިޓީއިން މާލެއަށް ގެންދެވުނުފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވުމާއި ގުޅިގެން ބައެއް ޑޮކްޓަރުންނާއި ނަރުހުންވެސް ވަނީ އައިސޮލޭޓް ކުރެވިފައެވެ.

އެ ހޮސްޕިޓަލާއި ހަވާލާދީ އައްޑޫލައިވް ނޫހުން ބުނާ ގޮތުގައި ބައެެއް ޑޮކްޓަރުންނާއި ނަރުހުން އަންގި އަދި މާސްކުވެސް ނާޅައި ބަލި މީހާއަށް ފަރުވާދީފައިވެއެވެ. ނަމަވެސް ސަރުކާރުން މީގެ ކުރިން ވަނީ ހުރިހާ ރަށްރަށަކަށް ބޭނުންވާނެ ވަރަށް މާސްކާއި އަންގި ފަދަ ތަކެތި ހުންނާނެކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް