ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް ތާއިދެއް ނުކުރަން: އިދިކޮޅު

12 May 2020 | 15:04

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ގެންގުޅެމުންދާ ދޯހަޅި ސިޔާސަތުތަކަށް ތާއިދުނުކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި އިދިކޮޅު ކޯލިޝަނުން ބުނީ ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ފެތުރުން ހުއްޓުވުމުގައި ސަރުކާރު ފެއިލް ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތައް ދިފާއު ކުރުމުގެ ގޮތުން، ވައިރަސް ފެތުރުން ހުއްޓުވުމުގައި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް އިދިކޮޅުން ތާއިދު ކުރާކަމަށް ބުނެ ދައްކަމުން ގެންދާ ދޮގު ވާހަކަތަކަކީ ދިވެހިރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލާ ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރަމުން ގެންދާ މަސައްކަތެއްކަމުގައި ދެކޭކަމަށާއި އަދި އެވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އެކޯލިޝަނުން ބުނީ އެފަދަ ވާހަކަތައް ސަރުކާރުގެ ފަރާތުން ދައްކަން ފެށުމުގެ ބޭނުމަކީ، ކޯވިޑް 19 ފެތުރުން ހުއްޓުވުމުގައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތްކަން ރައްޔިތުންނަށް ހާމަވެ، ސަރުކާރުން ހަދަމުން ގެންދާ ގޯސްތަކާއި، ހިންގަމުން ގެންދާ ކޮރަޕްޝަންގެ ޢަމަލުތަކާއި، ވައްކަން ތަކުގެ ވާހަކަތައް ދިވެހިރައްޔިތުން ދައްކަން ފެށުމުން، ޙަޤީޤަތާއި ކުރިމަތިލުމުގެ ބަދަލުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރަމުން ގެންދާ މަސައްކަތެއްކަމަށް ކަމަށެވެ. އަދި މިކަން ހުއްޓުވުމުގައި ސަރުކާރުގެ ވެރިން އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެބޭފުޅަކު ކަންކުރަމުން ގެންދާ ކަމާއި، މިކަމުގައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތްކަމާއި، ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާކަންވެސް ދިވެހި ރައްޔިތުން މިހާރު ޤަބޫލުކުރާކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ވައިރަސްގެ ބިރުވެރިކަމުގެ ވާހަކަތައް ދުނިޔޭގެ ޤައުމުތަކުން ދައްކަމުން ގެންދިޔަ އިރު، އެކަމުގެ ބިރުވެރިކަން ރާއްޖެއަށްވެސް އޮތްކަން ހާމަކޮށް ކޯލިޝަންގެ ފަރާތުން ދައްކަމުން ގެންދިޔަ ވާހަކަތަކަށް ސީރިއަސް ވުމުގެ ބަދަލުގައި ސަރުކާރުގެ އިސް ސަފުގައި ތިބި ބޭފުޅުން އޭރު ޖޯކު ޖައްސަވާ ވާހަކަފުޅު ދެއްކެވިކަމަށް ވަނީ ބުނެފައެވެ.

"ކޯވިޑް 19 ގެ ކާރިސާގެ ތެރެއިން އެކިއެކި ޙާލަތްތަކުގައި އަދި އެކި މުޙިންމު ދަނޑިވަޅުގައި ސަރުކާރުގެ ޢަމަލުކުރަމުން ދިޔަ ގޮތަށް މިކޯލިޝަނުން ބިނާކުރަނިވި ފާޑު ކިޔުން އަމާޒުކޮށް، ރައްޔތުންގެ ޝުޢޫރު ހާމަކޮށް، ސިއްޙީ މާހިރުން ގެ ލަފާ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލަމުން ދިޔަކަމީ، މިކާރިސާގެ ތެރޭގައި ރައްޔިތުންގެ ޙައްޤުގައި ޒިންމާދާރު ޚިދުމަތްތަކެއް މިކޯލިޝަނުން ކުރަމުން ގެންދާ ކަމުގެ ސާބިތު ހެއްކެވެ. އަދި ސަރުކާރުން ކަންކުރަމުން ދިޔަ ގޮތުން ރައްޔިތުންގެ ދުޅަހެޔޮކަމަށް އިތުރު ނުރައްކާ ކުރިމަތިވި ހިނދު، މިކާރިސާއާއި ގުޅިގެން ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ޤައުމުގެ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ސަރުކާރުން ދެމުން އައިކަން އެންމ ހަރު އަޑުން ގޮވާލާ ބަޔަކީ ވެސް ހަމަ މިކޯލިޝަނެވެ"، ބަޔާނުގައި ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް