ޕޮޒިޓިވްވި 3 މީހަކު މިހާރު ވީތަނެއް އަދިވެސް ނޭނގޭ!

14 May 2020 | 14:54

ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ބިދޭސީއަކު މިހާރު ވީތަނެއް ނޭނގިގެން ފުލުހުންނާއި ގުޅިގެން ހޯދަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

މަބްރޫކް ވިދާޅުވީ މީހުންގެ ސާމްޕަލް ނެގުމަށްފަހު އެފަރާތްތައް އުޅޭ ތަނާއި މޯބައިލް ނަންބަރު ފަދަ ތަފްސީލްތައް ނަގާ ކަމަށެވެ. ނަމަވެސް ހަތް ބިދޭސީއަކު އައިސޮލޭޝަނަށް ގެންދަން މަސައްކަތް ކުރިއިރު، އެފަރާތްތަކުގެ އެޑްރެހުގައި ނެތި މޯބައިލް ފޯނުންވެސް ނުގުޅޭކަންވެސް މިމަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހުގައި ފާހަގަކުރެވުނު ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެކަން ފާހަގަވުމުން ފުލުހުންނަށް އަންގައި، އެފަރާތްތައް ހޯދުމުގެ މަސައްކަތް ކުރެވުނުކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރެއިން ހަތަރު ފަރާތަކީ ފުލުހުން ބަލަހައްޓަމުންދިޔަ ކޮންޓެއިންޓްމެންޓް ސައިޓްތަކުގައި އުޅެމުންދިޔަ ފަރާތްތަކެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ ހަތަރު ފަރާތެކެވެ. އޭގެ ތެރެއިން އެއް ފަރާތް ފިޔަވައި އެހެން ފަރާތްތަކަކީ ކޮންޓެއިންޓްމެންޓް ސައިޓްތަކުގައި އުޅެމުންދިޔަ މީހުންނެވެ. ހޯދުނު މީހުންގެ ތެރެއިން އެކަކު އޮތީ މިދިޔަ ހަފްތާއިން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ވެންޓިލޭޓަރަށް ލާފައިކަމަށް ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަބްރޫކް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހޯދަމުންދާ ތިން މީހުން ނުފެނިއްޖެ ހާލަތެއްގައި އެމީހުންގެ ޒާތީ މައުލޫމާތު އާންމުކުރުމުގެ އިޚްތިޔާރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ލިބިގެންވެއެވެ.

Advertisement

ކޮމެންޓް