ހިސާން އާ ވާދަކުރުމަށް ތުޅާދޫ ދާއިރާއަށް އަތީފް

13 Nov 2018 | 17:16

ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަ ކުރުމުގެ ޝައުޤުވެރިކަން މުޙައްމަދު އަތީފް ފާޅު ކުރައްވައިފިއެވެ. އަތީފް ތުޅާދު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިމިވަނީ ޤާނޫނީ ވަކީލް ހިސާން ހަސަން ތުޅާދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަން ހާމަކުރައްވާފައިވަނިކޮށެވެ.

އަތީފް އިއްޔެ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓްއެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގައި ހިމެނޭ ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެން ބޭނުންވާ ކަމަށާއި މިކަން ކުރުމަށްޓަކައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރުކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަތީފް ކުރިމަތި ލައްވަނީ އަމިއްލަ ގޮތުން ކަމެއް ނުވަތަ ޕާޓީއެއްގެ ޓިކެޓްއެއްގައި ކަމެއް އަދި މިހާތަނަށް ހާމަކޮށްފައިއެއްނުވެއެވެ.

އަތީފްއަކީ ޕޮލިސްގައި 9 އަހަރު ދުވަހު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޙަރަކާތްތެރިވެފައިވާ މީހެއްގެ އިތުރުން، މީގެ ކުރިން ޕޮލިސް މީޑިޔާ އޮފިޝަލްގެ މަޤާމްވެސް އަދާކޮށްފައިވާ މީހެކެވެ. އަދި އޭގެ ފަހުން އޮންލައިން މީޑިޔާއެއް ކަމަށްވާ "ވަގުތު" ގެ ޗީފް އޮޕެރޭޓިން އޮފިސަރ މަޤާމްވެސް އަތީފްވަނީ އަދާކުރައްވާފައެވެ. ތުޅާދޫއަށް އުފަން އެއެދާއިރާގެ ވިންދު ދަންނަ އަތީފް އަކީ ޕީޕީއެމްގެ ތުޅާދޫ ބޮޑު ގޮފީގެ ރައީސްއެވެ. އަދި މީގެ އިތުރުން ރައީސް ޔާމީންގެ ކެންޕެއިންގައި އިސްސަފުގައި ޙަރަކާތްތެރިވެފައިވާ މީހެކެވެ.

މިހާތަނަށް ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ޖުމްލަ 9 މީހަކުވަނީ ކުރިމަތި ލުމަށް ޝައުޤުވެރިކަން ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަންއިން ނިންމާފައިވަނީ މިއަންނަ އަހަރު މާރިޗު އޭޕްރީލް މަހުގެ ތެރޭގައެވެ.

Advertisement

ކޮމެންޓް