ކޮވިޑް-19އާއި ގުޅިގެން ދިވެހިރާއްޖެއަށް އެހީވާން އެމެރިކާއިން ހުށައަޅައިފި

19 May 2020 | 14:00

މިހާރު ފެތުރެމުންދާ ކޮވިޑް-19އާއި ގުޅިގެން އެހީވާން އެމެރިކާއިން ދިވެހިރާއްޖެއަށް ހުށައަޅައިފިއެވެ.

މިފަދައިން ހުށައަޅާފައިވަނީ އެމެރިކާގެ ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ފަރާތުން އެގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ރޮބަރޓް އޯ ބްރައިންއާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ދެމެދު އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެފަރާތުގެ މެދުގައި ވަނީ ކޮރޯނާ ވައިރަސްގެ އާލަމީ ވަބާއާއި ދެކޮޅަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާއި އިގްތިސާދީ ކުރިއެރުން ހޯދިދާނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައެވެ. 

މި ބައްދަލުވުމުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އޯ ބްރައިން ވަނީ މި ހާލަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ކޮށްދޭން އެމެރިކާގެ އެހީތެރިކަން ހުށައަޅުއްވާފައެވެ.

އަދި އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގަންނައިރު، ދިވެހިރާއްޖެ ފަދަ ގައުމުތަކުން ބައިނަލްއަގްވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތަކުން ލުޔެއް ހޯދައިދިނުމުގެ މުހިންމުކަމުގެ ވާހަކަވެސް ވަނީ ދައްކަވާފައެވެ.

Advertisement

ކޮމެންޓް