ފުލުހުން ޑިއުޓީގައި ޓޭޒަރ ބަޑި ބޭނުންކުރަން ފަށަނީ

19 May 2020 | 15:57

ދިވެހި ފުލުހުން ޑިއުޓީގެ ވަގުތުތަކުގައި ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ޓޭޒަރ ބަޑި ތައާރަފްކުރަން ނިންމައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ފުލުހުންގެ އޮފިސަރުންނާއި އާންމުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ނިޔަތުގައި ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިޔު) ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ޓެސްޓް ބުރެއް ފެށުމެއް ނިންމާފައިވާ ކަމަށެވެ.

މިއީ އާންމު ފަރުދުންނާއި ފުލުހުންނަށް ގެއްލުމެއް ނުލިބި ނުރައްކާތެރި ހާލަތްތައް ހައްލުކުރެވިދާނެ ރަނގަޅު ގޮތެއްކަމަށް ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.

އެބޭފުޅާ ފާހަގަކުރެއްވި ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރާ އެހެން ގޮތްތައް ފަދައިން ޓޭޒަރ ބަޑި ބޭނުންކުރާއިރުވެސް ބާރުގެ ބޭނުންކުރާ ގޮތް އަލުން ބަލާނެއެވެ. މި ބަޑިތައް ބޭނުންކުރާނީ ބޮޑީ ކެމެރާއާއި އެކުގައެވެ.

ނަމަވެސް މިކަމާއި ގުޅިގެން އާންމުންގެ ތެރެއިން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. އެގޮތުން މިއީ ބާރުގެ ނަހަމަ ބޭނުން ކުރުމަށް ފުލުހުންނަށް ފުރުސަތު ލިބިދާނެކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް