ސިއްހީ މަސައްކަތްތެރިންގެ އިތުރުގަޑީގެ ފައިސާދޭ އުސޫލާއި އެކު އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

20 May 2020 | 18:06

ކޮވިޑް-19 ފެތުރެމުން މިދާ ދުވަސްވަރުގައި ސިއްހީީ މަސައްކަތްތެރިންނަށް އިތުރު ގަޑީގެ ފައިސާ ލިބޭ އުސޫލަށް ގެނައި ބަދަލުތަކާއި މެދު އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިއްޙީ ޚިދުމަތްތެރިންގެ މަސައްކަތު ގަޑިއަށް ބަދަލު ގެނެސް، އެ ފަރާތްތަކަށް ލިބެމުން ދާ އާމްދަނީން ބައެއް އުނިވާ ގޮތަށް އުސޫލުތަކަށް ސަރުކާރުގެ ފަރާތުން ބަދަލު ގެނެސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ޢާންމު އުސޫލެއްގެ މަތިން ރަމަޟާން މަހު ދައުލަތުގެ މުވައްޒަފުންގެވެސް ރަސްމީ މަސައްކަތު ގަޑިއަކީ 4 ގަޑިއިރުކަމަށާއި އަދި 4 ގަޑިއިރުގެ އިތުރުން މަސައްކަތް ކުރަން ޖެހިއްޖެނަމަ އޮންނަ އުސޫލެއްގެ މަތިން އިތުރު ގަޑީގެ ފައިސާ އެމުވައްޒަފަކަށް ޙައްޤުވާނެކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ކޯވިޑް 19 ގެ ސިއްޙީ ކާރިސާގައި ޤައުމުގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއެކު، އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން، އެންމެ އިސް ސަފުގައި ތިބެ، އެހާމެ ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ސިއްޙީ ޚިދުމަތްތެރިންނަށް ލިބެމުންދާ ޢާމްދަނީން އެއްވެސް އެއްޗެއް އުނިވާ ގޮތަށް އެ ފަރާތްތަކުގެ މަސައްކަތު ގަޑިއަށް ބަދަލު ގެނެސް ސަރުކާރުގެ އުސޫލުތައް ބަދަލު ކުރުމަކީ ހިތާމަހުރި ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިކަމުން ހާމަވެގެން ދަނީ އެފަރާތްތަކުން ކުރަމުން ގެންދާ ޤައުމީ މަސައްކަތުގެ އަގު ސަރުކާރުން ވަޒަން ނުކުރާކަން ވަނީ ބުނެފައެވެ.

އެހެންކަމުން ސިއްޙީ ޚިދުމަތްތެރިން ހިމެނޭ ގޮތުން، މި ކާރިސާގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަރާތްތަކުގެ ޢާއިލާތަކާއި ވަކިން އަމިއްލަ ނަފްސަށް ބެލުމެއްނެތި އިސް ސަފުގައި މަސައްކަތް ކުރަމުން ގެންދަވާ އެންމެހާ މުވައްޒަފުންގެ އަގު ވަޒަން ކުރުމާއެކު، އެފަރާތްތަކަށް ލިބެމުންދާ ޢާމްދަނީން އެއްވެސް އެއްޗެއް އުނި ނުވެ ލިބޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރަށް ވަނީ އިދިކޮޅުން ގޮވާލާފައެވެ.

Advertisement

ކޮމެންޓް