ދިވެހިރާއްޖެއާއި ޗައިނާއިން ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރާނެ އޮނިގަނޑެއް އެކުލަވާލަނީ

24 May 2020 | 15:42

ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާ ގުޅިގެން މަސައްކަތްކުރުމަށާއި، އެމަސައްކަތްކުރާނެ އޮނިގަނޑެއް ރޭވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް މަޝްވަރާކުރައްވައިފިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޚާރިޖީ ވަޒީރާއި ޗައިނާ ސަފީރު ކުރެއްވި މަޝްވަރާތަކުގައި ދެޤައުމުގެ މެދުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ބެހޭ ގޮތުންނާއި، ޗައިނާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ޗައިނާގެ އެބައޮތްކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރ ޝާހިދު ޗައިނާ ސަފީރާ ބައްދަލުކުރެއްވިއިރު، މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލްއާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ އަލީ ނަސީރު މުހައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ސީނާގެ އިތުރުން ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. 

Advertisement

ކޮމެންޓް