ކުރީ ސަރުކާރުގައި ހިނގި ކޮރަޕްޝަނާއި މަރުތަކުގެ ތަހުގީގުތައް ކުރިއަށްގެންދަވާނެ ކަމަށް އިމްރާން ޔަގީންކަން ދެއްވި: ރައީސް ނަޝީދު

25 May 2020 | 18:52

ނިމިދިޔަ ސަރުކާރުގައި ހިނގާފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަތައް ބައްލަވާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ދެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އީދުގެ ތަހުނިޔާ ދަންނަވަން މިނިސްޓަރ އިމްރާނަށް އެމަނިކުފާނު ގުޅުއްވިކަމަށެވެ.

އަދި ނިމިދިޔަ ސަރުކާރުގައި ހިނގާފައިވާ ކޮރަޕްޝަނާއި ވައްކަން އަދި މަރުތަކުގެ މައްސަލަަތައް ކުރިއަަށް ގެންދަވަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަންކަން ކުރައްވާނެކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އިމްރާން ދެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމަނިކުފާނު މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ އެމްއެމްޕީއާރްސީގެ ބޮޑުު ޚިޔާނާތުގެ މައްސަލައާއި، ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤު މިހާރު އޮތް ހިސާބެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ފޮނުވާފައިވާ ދަނޑިވަޅެކެވެ.

ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުން ލަސްވާން މެދުވެރިވާ ސަބަބުތައް މަޖިލީހުން ހޯދައި ދެނެގަތުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި އެވެ. އެ ކަމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް، މުޢިއްޒު ފޮނުއްވި ސިޓީގައިި ވިދާޅުވެފައިވަނީ، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކޮށް އިންސާފުހޯދައި ދިނުމަކީ ސަރުކާރުގެ ވަޢުދެއްކަމަށެވެ. އެމް.އެމް.ޕީ.އާރު.ސީ ގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި ޢާންމު މަސްލަޙަތު ހިމެނޭ މައްސަލަތަކެއްކަމަށާއި، އެ މައްސަލަތަކުގެ ތަޙްޤީޤުތަކާއި، ނުވަތަ ދައުވާއުފުއްލެވުމާއި އަދި ޝަރީޢަތްތައް ހިނގާގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރާލެއް މަދުކަމަށް ޤަބޫލުކުރެވޭކަމަށް މި ސީިޓީގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް ކޮމިޝަންތަކުންނާއި އިދާރާތަކުން ކުރަމުންދާ މަސައްކަތް ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ފޮނުވާފައި ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށެވެ.

Advertisement

ކޮމެންޓް