މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ މަޖިލިސް ކުރާ މާލަމުގައި!

25 May 2020 | 19:55

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ މަޖިލިސް ކުރާ މާލަމުގައިކަމަށް ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދޭ ގޮތުގައި މި ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދީފައިވާ އިރުޝާދުތަކުގެ މަތިންނެވެ.

އެގޮތުން ޖަލްސާކުރާ މާލަމުގައި އެންމެ ގިނަވެގެން އެއްވަގުތެއްގައި ތިއްބެވޭނީ 42 މެންބަރުންނަށެވެ. މި މެންބަރުން މާލަމުގައި ތިއްބަވާއިރު ތިއްބަވަން ޖެހޭނީ އެޗްޕީއޭއިން އެކަށައަޅާފައިވާ ދުރުމިނެއްގައި، އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށެވެ. މަޖިލީހުގެ ޖަލްސާތަކުގައި ވޯޓުލުމުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މި އުސޫލެވެ.

މިގޮތުން ބަލާލާއިރު ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން މާލަމަށް ވަދެ ވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މާލަމުން ނުކުމެ ވަޑައިގަތުމުން ބާކީތިބި މެންބަރުންވެސް ވަދެ ވަޑައިގެން ވޯޓުލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ޖަލްސާއެއްވެސް ކުރިއަށް ގެންދާނީ މާލަމުގައި ވީހާވެސް މަދު މުވައްޒަފުން ތިބެގެންކަމަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

މި ޖަލްސާތަކުގައި މާލަމުގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންވެސް މާސްކް އަޅައިގެން ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

Advertisement

ކޮމެންޓް