ޑީޖީ މައިމޫނާ ވިދާޅުވި ކަމެއް އަކުރުން އަކުރަށް ތަންފީޒުކުރަން ވާނެ: ޕީޖީ ޝަމީމް

26 May 2020 | 17:16

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވި ކޮންްމެކަމެއް އަކުރުން އަކުރަށް ތަންފީޒުކުރަން ވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވެފައިވަނީ މާޗްމަހުގެ 17ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. މަޖިލީހުގެ ޖަލްސާތައް މާދަމާ ތަޅުމުގައި ބޭއްވުމުގެ މައްސަލައާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ޝަމީމްގެ މި ޓްވީޓްގެ ސްކްރީންޝޮޓެއް ހިމަނުއްވާފައިވެއެވެ.

ޝަމީމްގެ ޓްވީޓްގައި ވިދާޅުވީ މި ދަތިހާލަތުގައިވެސް ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމަށްޓަކައި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.  އަދި ހުރިހާ ފަރާތްތަކުންވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ތަބާވާން ޖެހޭނެކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"މައިމޫނާ ވިދާޅުވާ ކަމެއް އަކުރުން އަކުރަށް، ރަނުން ރަަނަށް ތަންފީޒުކުރަންވާނެ"، އެބޭފުޅާ ވިދާޅުވިއެވެ.

ޝަމީމްގެ މި ޓްވީޓްގެ ސްކްރީންޝޮޓް އާންމުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޕީޖީ ވިދާޅުވެފައިވަނީ މިފަދައިން ކަމަށާއި އަމަލުކުރަންވީ ގޮތް ވަރަށް ސާފު ކަމަށެވެ. އެކަމަނާ ވިދާޅުވީ އެޗްޕީއޭގެ ހުއްދައާއި ނުލައި ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ކޮށްފައިވާ އަމުރަކާއި ޚިލާފްވެގެން ދައުވާ ކުރެވެން ބޭނުންފުޅު ނުވާކަމަށެވެ.

Advertisement

ކޮމެންޓް