އިންތި ހުންނެވީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހުކުރުމާއި ދެކޮޅަށް!

27 May 2020 | 14:34

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން ފަސްކޮށް، ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމާއި ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވާހަކަދައްކަވައިފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެކަމަށް މެންބަރު އިންތި ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރަން 41 މެންބަރުންގެ ވޯތާއި އެކު ތްރީލައިން ވިޕެއް ނެރެފައެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ވިޕާއި އެއްގޮތަށް ވޯޓު ނުދެއްވާނެކަމަށް އިއުލާންކުރައްވާފައެވެ. އެބޭފުޅާ ވިދާޅުވީ މިދަނޑިވަޅުގައި ގާނޫނު އަސާސީ އިސްލާހުކުރެވިދާނެ ކަމާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި އޮއްވާ، އަމަލުކުރައްވާނީ އަމިއްލަ ނަފްސަށް ގަބޫލުފުޅުކުރެވިފައިވާ ގޮތަށް ކަމަށެވެ. 

"އެއީ ޕާޓީއަކުން އަންގާ ގޮތަކަށެއް ނޫން. ސަރުކާރަކުން އަންގާ ގޮތަކަށެއް ނޫން."، އިމްތިޔާޒް ވިދާޅުވިއެވެ.

އިންތި ވަނީ ރައްޔިތުން ގޭބަންދުވެފައި ތިބި ހާލަތެއްގައި ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ނުވާނެކަމަށް ވިދާޅުވެ، އެކަން ކުރެވެން ވާނީ ރައްޔިތުންނަށް އިހުތިޖާޖުކުރުމުގެ ފުރުސަތު ލިބިގެންވާފަދަ ދަނޑިވަޅެއްގައިކަމަށް ބުނެފައެވެ. އަދި މި އުސޫލުން މާދަމާ ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރުވެސް އިތުރު ކުރެވިދާނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް