ކޯވިޑްގެ ރާޅު ބޮޑުނުވީ ހަރުދަނާ، ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާތީ: އަމީން

27 May 2020 | 23:24

ކޯވިޑްގެ ރާޅު ބޮޑުނުވީ ހަރުދަނާ، ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާތީ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިމިވަނީ ކޯވިޑް-19ގެ ސަބަބުން މިހާރު ރާއްޖޭގައި ހިންގިފައިވާ ފުރަބަންދުގެ ހާލަތަށް ދެ ހަފުތާއަށް ލުއިތަކެއް ދޭންނިންމައި، އެކަންކަން މިރޭ ސަރުކާރުން ހާމަކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޯވިޑްގެ ރާޅު ބޮޑުނުވީ ހަރުދަނާ، ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާތީ ކަމަށެވެ.

ފުރަބަންދަށް ދެވޭލުއިތަކާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ލުއި ދޭނީ ދެ ހަފުތާ އަށް ކަމަށެވެ. މީގެތެރޭގައި މީހުންނަށް ބޭރަށް ނުކުމެވޭ ގޮތް އިތުރަށް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ފުރަބަންދަށް ލުއިތަކެއް ދޭން ނިންމި ނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށެވެ. އަދި މާލޭގެ މިސްކިތްތައް އަދިވެސް ބަންދުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ސެލޫންތަކާއި ޖިމްތަކާއި ސްކޫލްތައް އަދި ރެސްޓޯރަންޓް ކެފޭތަކާއި، މާލެ ސިޓީގެ ޕާކުތައް، ބީޗްތައް ފުރަތަމަ ފިޔަވަހީގައި ނުހުޅުވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ލުއިތަކުގެ ތެރޭގައި ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ދެވޭގޮތް ހަމަޖެއްސުމާއި، މާލޭގެ މަސްމާރުކޭޓު މާދަމާ އިން ފެށިގެން ހުޅުވާލުމާއި، ކަނޑައަޅާފައިވާ ވިޔަފާރިތަކަށް އޮންލައިންކޮށް ވިޔަފާރިކޮށް، ޑެލިވަރީ ކުރުމުގެ ފުރުޞަތު ދިނުމާއި، ވޯކްޝޮޕް ފަދަ ތަންތަން ހުޅުވަން ހުއްދަ ދިނުމާއި އަދި މާލެ ސަރަހައްދުގެ ގޭބިސީތަކުން ބޭރަށް ނުމުކެވޭ މީހުންގެ ޢަދަދަދާއި، ވަގުތާއި އަދި އުޅެވޭނެ ޒޯނުތައް އިތުރުވެގެން ދާނެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މި ގައިޑްލައިންގެ ތެރޭގައި ތިބޭ ނަމަ ސިއްހީ ދާއިރާ އަށް ނުކަތާ ވަރަށް ބަލި ކޮންޓްރޯލުން ނުނެއްޓޭނެ ކަމަށެވެ.

Advertisement

ކޮމެންޓް