އެޖެންޑާ19 އަށް އެއް އަހަރު: ރައްޔިތުން ގެދޮރުވެރިކުރުމަށް ކުރީ ކޮންކަމެއް؟

28 May 2020 | 16:59

ދުރުން މާލެ ފެންނަ މީހަކަށް ފެންނާނީ މާލޭގެ މަލަމަތީގައިވާ އުސް އިމާރާތްތަކެވެ. އެ އިމާރާތްތަކުން ކިޔައިދެނީ ތަހުޒީބާއި ތަމައްދުނާއި ދިމާލަށް މިސްރާބު ޖަހާފައިވާ ޝަހަރެއްގެ ވާހަކައެވެ. އެހެނަސް އެ އިމާރާތްތަކުން ފަހަތަށް ބަލައިފިނަމަ ފެންނަން އޮތީ އެތަކެއް ޒަމާންތަކެއް ވަންދެން ހިންގި "ޖަރީމާ"އެއްގެ ހިތި ނަތީޖާއެވެ. ތަރައްގީގެ ނާރެހަކީ މާލެކަމަށް ބުނެ ގައުމުގެ ވެރިކަން ކުރާ ރަށަށް އެކި ބޭނުންތަކުގައި މީހުން ޖަމާކުރުވުމުން ފެންނަ ބައިބޯ ކޮންކްރީޓް ޖަންގައްޔެކެވެ.

ނަތީޖާއެއްގެ ގޮތުން މާލެ ވެފައިވަނީ ދުނިޔޭގެ އެންމެ ބައިބޯ ޝަހަރުތަކުގެ ލިސްޓުން ކުރީގައި ވިދާލެވޭނެފަދަ ރަށަކަށެވެ. މި ބައިބޯކަމުގެ ސަބަބުން އުފެދިފައިވާ އެންމެ ބޮޑު އެއް ދައްޗަކަށް ވެފައިވަނީ ގޯތިގެދޮރުގެ ދަތިކަމެވެ. މި ދަތިކަމަށް އެކަށޭނެ ހައްލު ހޯދުމަށް ގިނަ ސަރުކާރުތަކަކުން މަސައްކަތް ކުރިނަމަވެސް އެކަން ފުރިހަމައަށް ހައްލުކުރުމަކީ އެއްވެސް ސަރުކާރަށް މިހާތަނަށް ވެފައިވާ ކަމެއް ނޫނެވެ.

އެހެނީ، މިއީ ޒަމާންވީ އަދި އަވަހަށް ހައްލެއް ނުލިބޭނެފަދަ ސީރިއަސް މައްސަލައެކެވެ.

2019ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރީ އެއްވެސް ބަޔަކު ހީނުކުރާނެފަދަ ބޮޑު ސުޕަރ މެޖޯރިޓީއަކާއި އެކުގައެވެ. މި އިންތިޚާބު ކާމިޔާބުކުރުމުގައި އެމްޑީޕީން ވި އެންމެ ބޮޑު އެއް ވައުދަކީ މާލެއާއި ރަށްރަށުގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެކަށޭނެ ހައްލެއް ހޯދައިދޭން މަސައްކަތްކުރާނެކަމަށެވެ.

އެޖެންޑާ19 އަށް މިއަދު އެއް އަހަރު ފުރިފައިވާއިރު، އެމްޑީޕީގެ މަޖިލިސް އިންތިޚާބުގައި ވައުދުނާމާގެ "ފަޚުރުވެރި އާއިލާ" މިބައިން ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ކުރާނެ ކަމަށްބުނެ ހިމަނާފައިވާ ކަންތައްތަކަށް ނަޒަރު ހިންގާލައި، އެކަންކަން ގޮސްފައިވާ ހިސާބު ބަލާލުމަކީ މުހިންމު ކަމެކެވެ.

މި ވައުދުނާމާގައި ބުނެފައިވާ ގޮތުގައި ތަފާތުކުރުމެއް ނެތި ހަމަހަމަކަމާާއި އެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ އެންމެހާ ސިޔާސަތުތަކާއި ތަންފީޒީ ހަމަތަކާއި އުސޫލްތައް ކަނޑައަޅައި، ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ގާނޫނެއް 19ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެކަމަށެވެ.

މި ގާނޫނުގައި ހިމަނާނެކަމަށް ބުނެ ވައުދުނާމާގައި ހިމަނާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ބިން ދަތިވެފައިވާ ރަށްތަކުގައި ބިން ހިއްކާނެ އުސޫލެއް ކަނޑައެޅުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ބޭނުންކުރާނެ އުސޫލެއް ކަނޑައެޅުން އަދި ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެ ގޮތްތައް ސީދާ ގާނޫނުގައި ހިމެނުންވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ އަހަރުގެ އޮކްޓޯބަރު މަހުގައި ފެށޭ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި ބޯހިޔާވަހިކަމުގެ ބިލްގެ މަސައްކަތް ފެށޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވި ފަދައިން އެ ބިލްގެ ބައެއް މަސައްކަތްތައް މަޖިލީހުގެ ސަބް ކޮމެޓީއަކުން ވަނީ ކޮށްފައެވެ. ނަމަވެސް އެ ބިލްގެ ދެލިކޮޕީއެއް މަޖިލީހުގެ ތަޅުމަށް މިހާތަނަށް ހުށައެޅިފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް، 19ވަނަ ރައްޔިތުންގެ މަޖިލީހުންވެސް ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބައެއް މަސައްކަތްތައް ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވަނީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރުމާއި ބެހޭ ބިލެއް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 6ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ. މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރުކުއްޔަށް ދިނުމާ ގުޅިގެން ކުއްޔަށް ހިފާ ފަރާތް ކުއްޔަށްދޭ ފަރާތުގެ ޙައްޤުތައް ބަޔާންކުރުމާއި، ކުރީގެ މުޢާމަލާތަކާގުޅިގެން އުފެދޭ ދެބަސްވުންތަކާއި، ޝަކުވާތައް އަވަސް ގޮތެއްގައި ބަލާ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

އަދި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ބަޔާންކުރުމަކީވެސް މިބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ބިލްގެ މަސައްކަތްތައްވެސް ގައުމީ ތަރައްގީއާއި ތަރިކައާއި ބެހޭ ކޮމެޓީން ވަނީ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ދައްކާގޮތުގައި މި ބިލްގެ މަސައްކަތެއް އެންމެ ފަހުން ކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

މި ބިލުގެ ނަތީޖާ ފެންނަ ވަރުގެ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު، ރައްޔިތުންގެ މަޖިލީހަށް ވަނީ ބޯހިޔާވަހިކަމާއި ގުޅޭ ތިން ގަރާރެއްވެސް އެމްޑީޕީގެ މެންބަރުން ހުށައަޅާފައެވެ. އެއީ ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގެދޮރު ނެތް ފަރާތްތަކަށާއި އަލަތު ކައިވެންޏަށް ގޯތި ދޫކުރުމާ ގުޅޭ ގަރާރާއި، މާލެއާއި ރަށްރަށުން ފްލެޓް ދޫކުރުމާ ގުޅޭ ގަރާރު އަދި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭ ގަރާރެވެ.

ގެދޮރުވެރިކުރުވުމާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުވެ އޮތް މައްސަލައެކެވެ. އެއީ އެތައް ސަރުކާރަކުން އެޅި އެތަކެއް ފިޔަވަޅުތަކެއްގެ ހިތި ނަތީޖާއެވެ. މި ސަރުކާރުގެ މައިގަނޑު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށޭނަ ހައްލެއް ހޯދައިދޭނެކަމަށެވެ. އެ ހައްލު ހޯދައިދޭން ފާއިތުވެދިޔަ އެއް އަހަރު އެޖެންޑާ19 ކިހާ މިންވަރަށް އެހީވެއްޖެތޯއެވެ؟ މިއީ މިއަދު އުފެދޭ ސުވާލެކެވެ.

Advertisement

ކޮމެންޓް