ބައެއް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ މުއްދަތު އިތުރުކޮށްފި

28 May 2020 | 18:55

މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައިއޮތް އޮތުން 14 ޖޫން 2020 ވާ އާދީއްތަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ޖަމާއަތުގައި ނަމާދު ކުރަމުން ނުދަނީ ލޮކްޑައުންގެ ހާލަތުގައި އޮތް ރަށްރަށާއި، މޮނީޓަރިންގގެ ހާލަތުން ނެގިތާ 14 ދުވަސް ހަމަނުވާ ރަށްތަކުންނެވެ.

ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އޮތް ރަށްތަކުގައިވެސް އެކަން ކުރަމުންދަނީ ޚާއްސަ އިންތިޒާމްތަކެއްގެ ދަށުންނެވެ. އެގޮތުން ގޭގައި ވުޟޫކޮށްގެން މިސްކިތަށް އައުމާއި، މާސްކް އެޅުމާއި، އަމިއްލަ މުސައްލައެއްގެ މަތީގައި ނަމާދުކުރުން ފަދަ ކަންކަމަށް ވަނީ ބާރުއަޅާފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ ފަރާތްތަކާއި، ބަލީގެ އަލާމާތްތައް ހުރި ފަރާތްތައް މިސްކިތަށް ނުދިއުމަށްވެސް ވަނީ ބާރުއަޅާފައެވެ.

Advertisement

ކޮމެންޓް