ވިލިމާލޭގެ ރަށްވެހިންނަށް ވިޔަފާރިކުރުމަށް މާލެއަށް އާދެވޭނެ!

29 May 2020 | 12:14

ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން މާލެސިޓީގައި އިއުލާންކުރި ލޮކްޑައުންގެ ހާލަތަށް ދެވޭ ލުއިތަކުގެ ދަށުން ވިލިމާލޭގެ ރަށްވެހިންނަށް ޕާމިޓްއާއި އެކު ވިޔަފާރިކުރުމަށް މާލެއަށް އާދެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް"ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ވިދާޅުވީ ލޮކްޑައުންއަށް ދެވޭ ލުއިގެ ދަށުން މާލޭގެ ރަށްވެހިންނަށް ވިޔަފާރިކުރުމަށްޓަކައި ޕާމިޓް ނަގަން މާލޭގެ ކޮންމެ ހިސާބަކަށްވެސް ދެވޭނެކަމަށެވެ. މީގެ ކުރިން ވިޔަފާރިކުރުމުގެ ޕާމިޓް ދޫކުރާއިރު، އެކަން ކޮށްފައިވަނީ މާލެ ތަފާތު ޒޯންތަކަކަށް ބަހާލައިގެންނެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވިޔަފާރިކުރުމަށްޓަކައި މާލެއަށް ނާދެވޭ ނަމަވެސް ވިލިމާލޭގެ ރަށްވެހިންނަށް ޕާމިޓްއާއި އެކު ވިޔަފާރިކުރުމަށް މާލެއަށް އާދެވޭނެކަމަށެވެ.

އޭސީޕީ ފައިރޫޝް ވަނީ ލޮކްޑައުނަށް ލުއިތަކެއް ގެނައި ކަމުގައިވިޔަސް، ފުލުހުންގެ މަސައްކަތަށް ލުޔެއް ނާންނާނެކަމަށެވެ. އެގޮތުން ފުލުހުންގެ މަސައްކަތުގައި މިހާރުވެސް ޕްލޭން ކުރެވިފައި ހުރި ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭނެކަމަށް ފައިރޫޝް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް