އެއް ރިޕޯޓް ތިން ނޫހެއްގައި!

30 May 2020 | 08:44

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވަމުން ގެންދަވާ މަސައްކަތަށް އަލިއަޅުވާލައި އެއް ސުރުޚީއެއްގައި އެއް ލިޔުމެއް ތިން އޮންލައިން ނޫހެއްގައިވެސް ޝާއިއުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ކޮވިޑް-19 އަކީ ރައީސް ޞާލިހްގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" ނަމުގައި ލިޔެފައިވާ ރިޕޯޓް ފުރަތަމަ ޕޯސްޓްކޮށްފައިވަނީ ރާއްޖެއެމްވީގައެވެ. ރާއްޖެޓީވީގެ ނޫސްވެރިޔާ އަމްނާ އިމާދު މި އާޓިކަލް ޕޯސްޓްކޮށްފައިވަނީ 27މެއި ވީ ބުދަ ދުވަހުގެ ހެނދުނު 08:43ގައިކަމަށް ވެބްސައިޓުން ދައްކައެވެ.

އަދި ހަމަ އެ ދުވަހުގެ 16:56ގައި ފެށުން އޮންލައިންގައިވެސް ވަނީ އެ ލިޔުން ޝާއިއުކޮށްފައެވެ. މި ޚަބަރު ޝާއިއުކުރީ ފެށުން ނިއުސް ޓީމްގެ ނަމުގައެވެ.

އެއަށްފަހު ޖެހިގެން އައި 28މެއި ވީ ބުރާސްފަތި ދުވަހު ވަނީ އޮންލައިން ނޫސް ސީއެންއެމްގައިވެސް ހަމަ އެ ލިޔުން އެ ސުރުޚީގައި ޝާއިއުކޮށްފައެވެ. އެ ލިޔުން ލިޔެފައިވާ ލިޔުންތެރިޔާއަކީ މުހައްމަދު ފައުޒާން އަހުމަދެވެ.

މިޚަބަރުތައް އެއްގޮތްވުމުގެ މައްސަލަ ފެންމަތިވެގެންދިޔައީ އެކަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ޓްވީޓްކުރެއްވުމާއި ގުޅިގެންނެވެ. މެންބަރު އިންތި ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެބޭފުޅުން ގެންނެވި ސަރުކާރެއްގައި ނޫސްވެރިންނަށް އެހެން ނެހެއްދެވުމަށެވެ.

"ވޯޑް ޓު ވޯޑްއަށް އާޓިކަލް ލިޔެގެން ދެ ނޫހަކަށް އެއް އާޓިކަލެއް އެއްފަހަރާ ފޮނުއްވާފަ މިއޮތީ"، އެބޭފުޅާ ވިދާޅުވިއެވެ. އިންތި މިހެން ވިދާޅުވުމާއި އެކު، އާންމުންގެ ތެރެއިން ގިނަބަޔަކު ވަނީ މިކަމާއި ބެހޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން މިއީ ސަރުކާރުގެ ތެރެއިން ޝާއިއުކުރުމަށް ދިން ލިޔުމެއްގެ ތުހުމަތުވެސް ގިނަބަޔަކު ދަނީ ކުރަމުންނެވެ. އަދި ނޫސްވެރިން ލިޔުންތައް ނަަކަލުކުރާނަމަ އެއީ ބޮޑު މައްސަލައެއްކަމަށްވެސް ވަނީ ބުނެފައެވެ.

ނަމަވެސް މި އާޓިކަލް އެންމެ ފުރަތަމަ ރާއްޖެއެމްވީގެ ކޯފައުންޑަރ އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ ރާއްޖެއެމްވީގެ ނޫސްވެރިޔާ އަމްނާގެ އަމިއްލަ ލިޔުމެއްކަމަށް ބުނެފައެވެ.

 އެ ލިޔުން އެހެން ދެ ނޫހެއްގައި ހިމެނިފައިވަނީ ހުއްދައަކާއި ނުލައިކަމަށް ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން ކަމާާއިބެހޭ ފަރާތްތަކުގެ ތަހުގީގަށް މި މައްސަލަ ހުށައެޅުމަށް ގާނޫނީ ޓީމުން ތައްޔާރުވަމުންދާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސީއެންއެމް އަދި ފެށުން އޮންލައިން އިން މިހާރު ވަނީ މި އާޓިކަލްތައް ޑިލީޓްކޮށްލާފައެވެ. 

ނަމަވެސް މި ދެ ނޫހުންވެސް ވަނީ އެއީ ކޮންޓްރިބިއުޓަރަކު ފޮނުވި ލިޔުމެއްކަމަށް ބުނެފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށްވެސް ވަނީ ބުނެފައެވެ. މި ލިޔުންތަކުގެ ކޮންޓްރިބިއުޓަރަކީ ކާކު ކަމާއި މެދު ތަފާތު ގޮތްގޮތަށް ދަނީ ވާހަކަދެެކެވެމުންނެވެ.


މި މައްސަލާގައި ގިނަ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ޢާންމުން އަންނީ މިއީ ސަރުކާރުން ނޫސްތަކަށް ނުފޫޒު ފޯރުވައި ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ހިންގަމުން އަންނަކަމެއް ފަޅާއެރުންކަމުގައި ސިފަކުރަމުންނެވެ.

Advertisement

ކޮމެންޓް