ޔަންގް ލީޑަރުންގެ ގޮފީގެ އަހަރީ އީދު ޕްރޮޖެކްޓް، މިފަހަރު ވާޗުއަލްކޮށް!

29 May 2020 | 22:44

އަޅުގަނޑުމެން ދިރިއުޅެމުންދާ މުޖުތަމައުގެ ތެރޭގައި އާންމު ދިރިއުޅުމެއްގެ ހާލަތުންނާއި، އެ ހާލަތުގެ އުފާތަކުން ހަވާސާވެފައިވާ ކިތަންމެ ބަޔަކު ތިބޭނެއެވެ. ތަގުދީރު ނިޔާކުރި ގޮތުން މިފަދަ ބައެއް ފަރާތްތަކުގެ ދުނިޔެ ބިނާވެފައިވަނީ އެހެން މީހުންގެ ލޯތްބާއި އަޅާލުމުގެ މައްޗަށެވެ. އެފަރާތްތައް އެދެނީ ރަހުމާއި ހަމްދަރުދީއަށެވެ. އުފަލާއި ހިނިތުންވުމަށެވެ. މިފަދަ ހާލަތެއްގައި ތިބި ފަރާތްތައް ދިރިއުޅެމުންދާ އެއްތަނަކީ ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް އަޅާލައި، އެމީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް އަދި އެފަރާތްތަކުގެ މޮޅިވެރިކަމުން ވަގުތީ ތަސައްލީއެއް ހޯދައިދޭން ތަފާތު ގިނަ ޖަމިއްޔާ ޖަމާއަތްތަކުންނާއި ދަރުމަވެރިން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ބަޔަކަށް ވާނީ މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގް ލީޑަރުންގެ ގޮތްޕެވެ.

21 އަހަރު ވަންދެން ހުއްޓުމެއް ނެތި ހިންގާ މި ޕްރޮޖެކްޓްގެ މަގްސަދަކީ ‎ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގެ ވަޅު ޢީދުދުވަހާ ދިމާކޮށް ކ.ގުރައިދޫގެ ޙާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ޢީދު ތަހުނިޔާ ކިޔުމާއި، ޢީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުވުމާއި، ހަދިޔާ ދިނުމާއެކު އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. އެމީހުންނަކީވެސް މުޖުތަމައުގައި ބާކީވެފައި ނުވާ، ބައެއްގެ އަޅާލުމާއި ލޯބި ލިބިފައިވާ ބައެއްކަމުގެ އިހުސާސް ފޯރުކޮށްދިނުމެވެ.

އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޔަންގް ލީޑަރުންގެ ގޮފީގެ ފަރާތުން ވަނީ މި ޕްރޮޖެކްޓް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުގެ ހާލަތު އޮތުމުން، އެކަން ކުރަން ޖެހުނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން މަޝްހޫރު ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ވާޗުއަލް ގޮތަކަށެވެ.

ވޮއިސްއަށް މައުލޫމާތު ދެމުން ޔަންގް ލީޑަރުންގެ ގޮފީގެ އޮފިޝަލެއް ބުނީ މި ޕްރޮޖެކްޓްގެ ދަށުން ވަޅުއީދު ދުވަސްކަމުގައިވާ 25 މެއިވީ ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ‎އެކި ގަޑިތަކަށް ބަހާލެވިގެން އެމަރުކަޒުގައި އުޅޭ މީހުންނާ ބައްދަލުކުރެވުނު ކަމަށެވެ. އެގޮތުން އެ ބައްދަލުވުންތަކުގައި ގާރލް ގައިޑްސް އެސޯސިއޭޝަންގެ ގިނަ ޢަދަދެއްގެ ލީޑަރުން ބައިވެރިވެ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ފަރާތްތަކަށް ޢީދު ދުވަހުގެ ތަހުނިޔާ ކިޔާ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް އެކި ކުޅިވަރުތައް ކުޅެފައިވާކަމަށް އޮފިޝަލް ބުންޏެވެ.

‎މިވީޑިއޯ ކޮންފަރެންސްގައި އެންމެ ފާހަގަ ކޮށްލެވޭ ހަރަކާތަކަށް ވެގެންދިއައީ މޯލްޑިވިއަން އައިޑޮލްގެ ތަރިން ކަމުގައިވާ މަރިޔަމް މައީޝާ (މައީ)، ޝަމްވީލް (ބަރޯ)، އަދި ހަސަން އިރުފާން (ޒަކިއްޓޭ)ގެ އިތުރުން އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ފަރާތްތަކަށް ހަދިޔާކުރި ފޯރިގަދަ ހުށަހެޅުންތަކެވެ.

ޔަންގް ލީޑަރުންގެ ގޮފީގެ އޮފިޝަލް އިތުރަށް ބުނީ ގުރައިދޫ ޕްރޮޖެކްޓަކީ ކޮންމެ އަހަރަކުވެސް ޔަންގް ލީޑަރުން އެންމެ އިސްކަމެއް ދީގެން ޝައުޤުވެރިކަމާއެކު މަސައްކަތް ކުރާ އެއް ޕްރޮޖެކްޓްކަމަށާއި، މިއީ އެހާމެ އަގުހުރި މަސައްކަތެއްކަމަށެވެ. އެގޮތުން މިމަސައްކަތުގެ ސަބަބުން ހިތަށް ހިތްހަމަޖެހުން ގެނުވައިދީ، ޒުވާން ލީޑަރުންގެ ހިންގުންތެރިކަމާއި އެކި ކަހަލަ ހުނަރާއި ޤާބިލުކަން އިތުރުވެގެންދާކަން ސާރާ ފާހަގަކުރިއެވެ. އަދި ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޯގާތެރިކަމާއި އަޅާލުން ދިނުމުގެ މުހިންމުކަން ކުދިންނަށް އިހުސާސްވެ ދަސްވެގެންދާކަމަށްވެސް ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބައްދަލުވުންތަކުގައި ވަނީ ‎ޗީފް ގައިޑް އަދި ފަރސްޓް ލޭޑީ ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންފައެވެ. ‎އެކަމަނާ ވަނީ މިމަރުކަޒުގެ މީހުންގެ ޙާލު ބައްލަވާލައްވާ، މިޕްރޮޖެކްޓްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މި ޕްރޮޖެކްޓްގެ ދަތުރުގައި ބައިވެރިވެލައްވާނެކަމުގައިވެސް ވިދާޅުވިއެވެ.

އެކަމަނާގެ އިތުރުން ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ނިޢުމަތު ޝަފީގްވެސް ވަނީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ފުރަބަންދުވެފައި ތިބިނަމަވެސް، ‎މެދުކަނޑާލަން ނުޖެހި މަރުކަޒުގައި ތިބި ފަރާތްތަކާއި ބައްދަލުވެވުމުން ވަރަށް އުފާވިކަމަށް ވިދާޅުވެފައެވެ.

ގައިޑުން ވަނީ ‎މިބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަށް މިއަހަރުވެސް އެފަރާތްތަކާ ބައްދަލުކުރެވޭނެ ދުވަހަކަށް ހުރިހާ ލީޑަރުން އިންތިޒާރުކުރަމުންދާކަމަށް ބުނެފައެވެ.

ޔަންގް ލީޑަރުންގެ ގޮފީގެ ފަރާތުން ވަނީ ‎މިކޯލްތަކުގައި ބައިވެރިވި ލީޑަރުން، ލަވަކިޔުންތެރިން އަދި މިމަރުކަޒުގެ މުވައްޒަފުންނާއި މެނޭޖްމެންޓްގެ އިތުރުން އެފަރާތްތަކާއި އެންމެ ގާތުން މަސައްކަތްކުރެއްވި މަރުކަޒުގެ ޑެޕިއުޓީ ސީ.އީ.އޯ ޞަފްވާން މުޙައްމަދުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

އަދި ހަމަމިއާއެކު އެފަރާތްތަކުގެ މިފަދަ ޙަރަކާތްތަކުގައި ޖެންޑަރ މިނިސްޓްރީއިން ދެއްވާ އެއްބާރުލެއްވުންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް