ތަރިކައާއި ބެހޭ ޤަވާއިދުތައް ހަދައި ގެޒެޓް ކުރަން ފޮނުވައިފި

31 May 2020 | 18:11

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް އެކުލަވާލައި، ގެޒެޓު ކުރުމަށް ފޮނުއްވަވާފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިންމައި، އެޓާނީ ޖެނެރަލްއާއި ކަމާއިބެހޭ އެހެނިހެން ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހު، އެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ ޤަވާއިދުތައް ގެޒެޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭނެ ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޤަވާއިދާއި ދާރުލްއާސާރު ހިންގުމުގެ ޤަވާއިދެވެ.

މިނިސްޓަރ ޔުމްނާ އިތުރަށް ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ގޭގައި ތިބެގެން މަސައްކަތް ކުރަން ފެށިފަހުންވެސް މިނިސްޓްރީގެ ދާއިރާތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާރިޗު މަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ ހުރިހާ ޚިދުމަތްތައް ފޯނާއި އޮންލައިން މަންސަތައް މެދުވެރިކޮށް މެދުކެނޑުމެއްނެތި ދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރަމުންދާއިރު، މިނިސްޓްރީގެ ދާއިރާގެ ތެރޭގައި ހުރި އެކި ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް ހަދަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީގެ ދާއިރާގެ ތެރެއިން ހޭލުންތެރިކަން އިތުރު ކުރުމަށާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އޮންލައިން ޕްރޮގްރާމްތަކާއި ލެކްޗަރތައް ކުރިއަށްދާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީން މިހާތަނަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާ، އަދި މިހާރު ކުރިއަށްގެންދާ ކޯސްތަކާއި، އާދީއްތަ ދުވަހުގެރޭ ޤައުމީ ކުތުބުޚާނާއިން ފެށުމަށް ހަމަޖެހިފައިވާ އޮންލައިން ކޯސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި އާމްދަނީ ހޯދުމުގައި ފަންނާނުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ދުރާލައި މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ އެކިއެކި އެހީގެ ސްކީމްތަކުގެ ތެރެއިން ފަންނާނުންނަށް އެހީ ވެވެމުންދާ ކަމަށެވެ. މީގެ އިތުރުން އޮލިމްޕަސް ބަންދުކުރުމާއި ގުޅިގެން ފިލްމީ ދާއިރާ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައިވާތީ، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އެހީވުމަށާއި، އެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް، ޓިވީ ޗެނަލްތަކާއި މަޝްވަރާ ކުރުމަށް ނިންމަވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޮންލައިން ސްޓްރީމިންގ މަންސަތައް މެދުވެރިކޮށް ފަންނުވެރި އުފެއްދުންތައް އާންމުކޮށް، އޭގެން ފަންނާނުންނަށް ފައިދާވާނެ ވިޔަފާރީގެ މޮޑިއުލްއެއް ހަރުދަނާކުރުމުގެ މުހިއްމުކަންވެސް މިނިސްޓްރީގެ އިސް ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުޙައްމަދު ޠާރިޤު ވިދާޅުވީ، މަރާމާތަށްޓަކައި މިހާރު ބަންދުކޮށްފައިވާ މާލޭ ހުކުރު މިސްކިތް، މިހާރު ކުރިއަށްދާ ފުރަބަންދު ނިމި، މިސްކިތްތައް ހުޅުވާއިރު ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިމަށް ނިންމާފައިވާ އެ މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ މަސައްކަތް ފެށުމުން، މަސައްކަތް ކުރިއަށްދާގޮތަށް ބަލައި، މިސްކިތުގެ އެކި ބައިބައި ބަންދުކުރަންޖެހޭނެކަން ޠާރިޤު ފާހަގަކުރެއްވިއެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އެނގޭނީ މިވަގުތު ދިމާވެފައިވާ އާލަމީ ވަބާގެ ޙާލަތުން ކޮންމެވެސް ވަރަކަށް އަރައިގަނެވިގެންކަން ހެރިޓޭޖް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ކަންކަމުގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓްރީގެ ދަށުގައިވާ އެކި މުއައްސަސާތަކުން ވަނީ އެތަންތަނުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ކޮމިޓީގެ ޢިއްޒަތްތެރި މެންބަރުންނާއި ހިއްސާކުރައްވައި، މެންބަރުންގެ ސުވާލުތަކަށް މިނިސްޓްރީގެ އިސްވެރިން ވަނީ ޖަވާބު ދެއްވާފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުޤައްރިރު، ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވީ، އެ ކޮމިޓީއިން އެއްކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ކޮވިޑް 19ގެ ޙާލަތާއި ގުޅިގެން ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖައްސާފައިވާ އެއް މިނިސްޓްރީއަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްކަން ފާހަގަވެވަޑައިގެންފައިވާ ކަމަށެވެ.

2019 ވަނަ އަހަރުވެސް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސް ވެރިންނާއި ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއިން ބައްދަލުކުރައްވާފައިވާއިރު، އެފަހަރުވެސް އެ ކޮމިޓީގެ މެންބަރުން ވަނީ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދަވާގޮތަށް ތަޢުރީފުކުރައްވާފައެވެ.

Advertisement

ކޮމެންޓް