ކުރާ މަސައްކަތްތަކުގެ ފޮޓޯ މީގެފަހުން ލާނަން: މިނިސްޓަރ ނަހުލާ

05 Jun 2020 | 00:49

ކޮވިޑް-19 އާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ފޮޓޯތައް މީގެ ފަހުން މީސް މީޑިޔާއަށް ލައްވާނެކަމަށް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާ ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ސިވިލް އޭވިއޭޝަންގެ ކަންތައްތައް ހުންނަ ގޮތުން އޮފީހަށް ނާދެވުމުގެ ސަބަބުން ގޭގައި ތިބެގެންވެސް ބައެއް ދުވަސްތަކުގައި މިނިސްޓްރީން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށާއި، ބައެއް ރޭރޭ ދަންވަންދެންވެސް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެއަށްފަހު އަނެއްކާވެސް ހެނދުނު 07 ޖަހާއިރު މަސައްކަތަށް ނުކުންނަވަން ޖެހިވަޑައިގަންނަވާކަމަށް ނަހުލާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ފްލައިޓުތައް ލޭންޑުކޮށް، ޓޭކްއޮފް ކުރުމާއި ހަމައަށްވެސް ހުރިހާ ކަމެއް ބައްލަވާކަމަށް ވިދާޅުވެފައެވެ.

ރޭގެ ކޮމެޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއިވެސް މިނިސްޓަރ ނަހުލާ ބައްދަލު ނުކުރައްވާކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަމަށް ރައްދު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ވަގުތު އޮތް ވަރަކުން ކައުންސިލްތަކާއިވެސް ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަން ނޭނގެނީ ބައްދަލުވުންތަކުގެ ފޮޓޯ ނުލާތީކަމަށް ވެދާނެ ކަމަށެވެ.

"ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާގޮތަށް ހަމަ އަޕްޑޭޓްވެސް ކުރަމުންދާނަން،" ނަހުލާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް