ކޮވިޑް-19 އާއި ގުޅިގެން އެކުވެރި އަރަބި އިމާރާތުން ދިވެހިރާއްޖެއަށް ބޮޑު އެހީއެއް!

08 Jun 2020 | 18:43

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ނުވަތަ އެކުވެރި އަރަބި އިމާރާތުން 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއަށް ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޔޫއޭއީ އަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޔޫ.އޭ.އީއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމްސް، ޕީސީއާރް އެކްސްޓްރެކްޝަން މެޝިން، ކޮވިޑް-19 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް، 30 ހާސް ޓެސްޓް ހެދޭނެ ޕީސީއާރް ކިޓް، ޕީޕީއީ (ޑިސްޕޯސަބަލް ކަވަރޯލްސް، ޝޫ ކަވަރ، ފޭސް މާސްކް، ފޭސް ޝީލްޑް، މާސްކް އަދި އަންގި ހިމެނޭ ގޮތަށް) އަދި ހޭންޑް ސެނިޓައިޒަރ އެވެ. މީގެ ތެރޭގައި ހިމެނޭ ޕީ.ސީ.އާރް މެޝިނުން ގަޑިއަކު 96 ޓެސްޓް ހެދޭނެއެވެ. އަދި މިއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ސްޕީޑް އަވަސްވެ، ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި މިއަދު ރާއްޖެ ގެނެސްފައިވަނީ މިކަމަށް ޚާއްސަކޮށް ޔޫ.އޭ.އީއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގައެވެ.

މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީ ގެ ފޮރިން މިނިސްޓަރ ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ޙާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫ.އޭ.އީ ސަރުކާރަށް އެދުވަހު މިނިސްޓަރ ޝާހިދު ވަނީ އަރުވާފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީގެ ވެރިންނާއި، ސަރުކާރާއި އަޚުވަންތަ ރައްޔިތުންނަށް މިއަދު ފޮނުއްވި އެހީއަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޤާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެއެވެ. އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ދިވެހި ރައްޔިތުންނަށް ބޭނުމެއް ޖެހޭ ކޮންމެ ހިނދެއްގައި ރާއްޖެއަށް އެހީތެރިވުމަށް ޔޫ.އޭ.އީ ސަރުކާރުން ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ. 1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް އެޤައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އަދި މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2018 ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއާ ޔޫ.އޭ.އީ އާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަނުން އިތުރަށް ހަރުދަނާވެފައެވެ. މިހާތަނަށް އެމަނިކުފާނު ޔޫއޭއީއަށް 2 ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވާފައިވެއެވެ.

އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫއޭއީއަށްވެސް ވަޑައިގެންފައިވެއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައިވެއެވެ.

ޔޫ.އޭ.އީ އިން މިއަދު ރާއްޖެއަށް ހަދިޔާކުރި އެހީގެ ތަކެތީގެ ތަފްސީލް:

- 100،000 ސެނިޓައިޒަރ ފުޅި

- 225،000 ކޭ.އެން 95 މާސްކް

- 2،500،000 ސަރޖިކަލް މާސްކް

- 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)

- 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރ އާއެކު)

- 10،000 ފޭސް ޝީލްޑް

- ޕީ.ސީ.އާރް އެކްސްޓްރެކްޝަން މެޝިން

- 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް

- 2 ރިއަލް ޓައިމް ޕީ.ސީ.އާރް ސިސްޓަމް

Advertisement

ކޮމެންޓް