އުންމީދެއް ނުކުރަން އެއާޕޯޓް މަޝްރޫއު ހިޔާލީ ފޮލައަކަށް ވާނެކަމަކަށް: ކިނޮޅަހު ކައުންސިލް ރައީސް

11 Jun 2020 | 11:13

މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އާޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވީނަމަވެސް، ސަރުކާރުން އެކުލަވާލައިވާ ނޭޝަނަލް އެއާކަނެކްޓިވިޓީ ޕްލޭންގައި އެއާޕޯޓު އަޅާނެ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށާއި އެ ޕްލޭންގައި ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ހިމަނާފައި ނުވާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ހާމަކުރުމުން އެކަމާ ކަންބޮޑުވާކަމަށް ކިރޮޅަހު ކައުންސިލްގެ ރައީސް އަހްމަދު ހުސައިން ވިދާޅުވެއްޖެއެވެ.

"ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަހްމަދު ހުސައިން ވިދާޅުވީ ސަރުކާރުގެ މި ނިންމުމުން ވަރަށް ހިތާމަކޮށް ކަންބޮޑުވާކަމަށެވެ.

"ސަރުކާރުގެ އެއާޕޯޓް އެޅުމުގެ ވައުދުވުމާއެކު، އަޅުގަނޑުމެން މި އަންނަނީ އެކަމަށް ތައްޔާރުވަމުން. އެގޮތުން ރަށުގެ ލޭންޑް ޔޫޒް ޕްލޭން ހަދާފައިވަނީ އެއާޕޯޓާއި ގުޅިގެން ރަށަށް ޓުއަރިޒަމް އިތުރަށް ފުޅާކުރުމަށް. ރަށުން ޓުއަރިޒަމަށްބަލައިގެން ހާއްސަ ސަރަހައްދުތަކެއް ވެސް ވާނީ ކަނޑައެޅިފައި ގެސްޓް ހައުސް ވިޔަފާރިއަށް. އެއްވެސް ވަރަކަށް ހިޔާލުކޮށްފައި އޮތްކަމެއް ނޫން މިއީ އެއާޕޯޓް މަޝްރޫއު ހިޔާލީ ފޮލައަކަށް ވާނެކަމަކަށް" ކިނޮޅަހު ރައީސް ވިދާޅުވިއެވެ.

އަހްމަދު އިތުރަށް ވިދާޅުވިގޮތުގައި ލޮކްޑައުންގެ ކުރިން އެއާޕޯޓާއި ގުޅިގެން ދާއިރާގެ މެންބަރާވެސް ވާހަކަ ދައްކާފައިވާނެކަމަށާއި އޭރުވެސް މެންބަރު ވަނީ އެއާޕޯޓް އަޅާނެކަމުގެ ޔަޤީންކަން އަރުވަމުކަމަށެވެ.

ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޞާލިހް ރ. އިނގުރައިދޫގައި މަޖިލިސް ކެންޕެއިންގައި ވަޢުދުވުމާއި ގުޅިގެން ލޮކްޑައުންގެ ކުރިން އެތައް ފަހަރަކު ރައީސް ޞާލިހްގެ އެޕޮންޓްމަންޓަކަށް އެދި އެކަން ކާމިޔާބު ނުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 5 މަސް ދުވަސް ރައީސްގެ އެޕޮންއިންޓްމަންޓް ނުލިބި ލަސްވެފައިވަނިކޮށް ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އަތޮޅުގެ އެންމެ އުތުރުގައި ހަދާފައިވާ އިފުރު އެއާޕޯޓުގެ ފައިދާ އަތޮޅުގެ ބޮޑުބަޔަކަށް ނުކުރެއެވެ. އެހެންކަމުން ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓްއެއް ހެދުން ވަނީ ވަރަށް މުހިންމު ކަމަކަށްވެފައެވެ. އެގޮތުން ގިނަ އަދަދެއްގެ ރިސޯޓްތައް ހަދަމުން ދިޔުމާއެކުވެސް އިތުރު އެއާޕޯޓެއް އުތުރުގައި އޮންނަން ޖެހޭކަމަށް އަތޮޅުގެ ގިނަ ރަށްތަކުގެ ރައްޔިތުން ދެކޭކަމަށް ރަށްރަށުގެ ކައުންސިލުން ވޮއިސް އަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި އިނގުރައިދޫ ދާއިރާގެ މެންބަރަށް ތަކުރާރުކޮށް ގުޅާލުމުންވެސް ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

މި މައްސަލާގައި ޓްރާސްޕޯޓުން ވިދާޅުވެފައިވަނީ "އޭގައި [އެ ޕްލޭންގައި[ ރ. އަތޮޅުގައި އެއާޕޯޓެއް އިންތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ހީވަނީ ރ. އަތޮޅަކީ ފުދޭވަރަކަށް ބޮޑަށް ސީޕްލޭން އިން ކަވާ ކޮށްފައި ހުރި ސަރަހައްދެއްހެން އެހާ ގިނަ ރިސޯޓު ހުރުމުން. [ރ. އަތޮޅުގައި]،" ސްޓޭޓް މިނިސްޓަރު ޒުހައި ވިދާޅުވިއެވެ.

Advertisement

ކޮމެންޓް