ޔުނައިޓެޑްގައި މަޑުކުރެވުނު ނަމައޭ ހިތަށް އަރާ: ރޫނީ

15 Nov 2018 | 06:11

މެންޗެސްޓާ ޔުނައިޓެޑް މަތިން ހަނދާންވާ ކަމަށާއި ކްލަބުގައި މަޑުކުރެވުނުނަމައޭ މިހާރު ހިތަށް އަރާކަމުގައި ޔުނައޓެޑާއެކު ކާމިޔާބު އަހަރުތަކެއް ހޭދަ ކުރި އެޓީމުގެ ކުރީގެ އިނގިރޭސި ތަރި ވޭން ރުނީ ބުނެފިއެވެ. ރޫނީ މިހެން ބުނެފައިވަނީ ޔުނައިޓެޑްގެ ވެބްސައިޓަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.

މިހާރު އުމުރުން 33 އަހަރުގެ ރޫނީ ޔުނައިޓެޑް ދޫކޮށްލީ 2017 ވަނަ އަހަރު އޭނާ ކުރިން ކުޅުނު ކްލަބް އެވަޓަންއަށް ބަދަލުވުމަށްޓަކައެވެ. އެވަޓަންގައި އެއް ސީޒަން ހޭދަކުރުމަށްފަހު ރޫނީ ދެން ބަދަލުވީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ ޑީސީ ޔުނައިޓެޑަށެވެ.

ޕްރިމިއާ ލީގުގައި ކުޅެން ޔުނައިޓެޑުގައި މަޑުކުރެވުނުނަމަ ރަނގަޅުވީސް ކަމަށާއި ޔުނައިޓެޑުގައި ހޭދަކުރެވުނީ އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ދުވަސްވަރުކަމަށް ރޫނީ ބުނެފައިވެއެވެ. ނަމަވެސް ޔުނައިޓެޑް ދޫކޮށްލީ އެންމެ ރަނގަޅު ވަގުތުގައި ކަމަށްވެސް ރޫނީވަނީ ފާހަގަކޮށްފައެވެ.

އޭނާއަކީ އަބަދުވެސް ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅެން ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި އެ ފުރުސަތު ގަވައިދުން ލިބެމުން ނުދާތީ މެނޭޖަރައި ވާހަކަ ދެއްކުމަށްފަހު ޔުނައިޓެޑް ދޫކޮށްލީކަމަށްވެސް ރޫނީ ހާމަކުރިއެވެ.

ރޫނީ އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ 2004 ވަނަ އަހަރު ކުޅެވުނު ޔޫރޯ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމާއެކު ދެއްކި މޮޅު ކުޅުމުންނެވެ. އޭގެ ފަހުން ރޫނީ ޔުނައިޓެޑައި ގުޅުނީ އުމުރުން އެންމެ 18 އަހަރުގައި 26 މިލިއަން ޕައުންޑަށެވެ. ޔުނައިޓެޑާއެކު އޭނާވަނީ އިނގިރޭސި ޕްރިމިއާ ލީގް، އިނގިރޭސި އެފްއޭ ކަޕް، ލީގް ކަޕް، ޗެންޕިއަންސް ލީގް، ޔޫރޯޕާ ލީގް، އަދި ފީފާ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

އޭގެ އިތުރުން ރޫނީވަނީ ބޮބީ ޗާލްޓަން ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން ހަދާފައިވާ ރިކޯޑްވެސް މުގުރާލާފައެވެ. އެއީ ކުޅުނު ހުރިހާ މުބާރާތަކުން ޖުމްލަ 253 ލަނޑު ޔުނައިޓެޑަށް ޖަހައިދީގެންނެވެ. 

ރޫނީ މިހާރު ތައްޔާރުވަމުން ދަނީ އިނގިރޭސި ގައުމީ ޓީމަށް އޭނާ އަލްވަދާއުކިޔާ މެޗަށެވެ. އެމެރިކާގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 01:00 ޖަހާއިރު ވެމްބްލީ ސްޓޭޑިއަމްގައެވެ.

Advertisement

ކޮމެންޓް