"ބިރެއްނެތި ކުޑަކުދިން މަގުމައްޗަށް ނެރެހަދާތީ ސްކޫލުން ވައިރަސް ޖެހިދާނެތީ ބިރުގަންނަކަމަށް ބުނުން ބަލައިގަންނަން ދަތި"

19 Jun 2020 | 14:12

ލޮކްޑައުނަށް ލުއިދީފައިވާ ދަނޑިވަޅުގައި އާންމު ވަގުތުތަކުގައި ބިރެއްނެތި ކުޑަކުދިން މަގުމައްޗަށް ނެރެހަދާތީ ސްކޫލުން އެކުދިންނަށް ވައިރަސް ޖެހިދާނެތީ ބިރުގަންނަކަމަށް ބުނާ ބުނުން ބަލައިގަންނަން ދަތިކަމަށް އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރޭ އޮތް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ.އަފްޒަލް ވިދާޅުވީ ސްކޫލްތަކުގައި ކިޔެވުން ފަށާއިރު، ސްކޫލްތަކަކީ ދަރިވަރުންނަށް ސިއްހީގޮތުން ރައްކާތެެރި މާހައުލުތަކެއްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކަށަވަރުކުރާނެކަމަށެވެ. އަދި ސްކޫލްތައް ފެށުމަށް ހުއްދަ ދީފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކުރިއަށްގެންދާނެފަދަ ގޮތަކަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ބެލެނިވެރިން ދަނީ ބަލި އެއްކޮށް ނައްތާނުލެވެނީސް ސްކޫލްތައް ހުޅުވުމާއި ދެކޮޅަށް ވާހަކަދައްކަމުންނެވެ. އަދި ސްކޫލްތައް ހުޅުވިޔަސް، އެ ފަރާތްތަކުގެ ކުދިންތައް ސްކޫލަށް ނުފޮނުވާނެކަމަށްވެސް ދަނީ ބުނަމުންނެވެ.

މި ވާހަކަތަކަށް ރައްދުދެއްވަމުން ޑރ.އަފްޒަލް ވިދާޅުވީ މަގުމައްޗަށް އާންމުކޮށް ނިކުމެ އުޅެވޭ ހުރިހާ ވަގުތެއްގައިވެސް ކުޑަކުދިން ގޮވައިގެން ބެލެނިވެރިން ނުކުމެ އުޅޭތަން ފެންނަކަމަށެވެ. އެހެންކަމުން އެގޮތަށް ކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅެން ބިރު ނުގަންނަ އިރުގައި ސްކޫލަށް ގެންދިއުމުން ވައިރަސް ޖެހިދާނެކަމަށް ބުނާ ބުނުން ގަބޫލުކުރުން ދަތިކަމަށާއި، ފެންނަ މަންޒަރުތަކުންވެސް އެކަން ސާފުނުވާކަމަށްވެސް ވިދާޅުވިއެވެ.

އެބޭފުޅާ ވަނީ ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ވަގުތު ކަމުގައިވާ ހަވީރު 4 އިން 6 އަށް ފިޔަވައި ވާ ވަގުތުތަކުގައި ކޮންމެހެން ދާންޖެހޭ ތަނަކަށް މެެނުވީ އެކުދިން ގޮވައިގެން ނުދާން އިލްތިމާސް ކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement