މިދަނޑިވަޅުގައި ބޭނުންވަނީ އިކޮނަމިކް ފޯކާސްޓް ރަނގަޅަށް ކުރަން އެނގޭ ދުރުވިސްނޭ މިނިސްޓަރުން!

28 Jun 2020 | 13:13

ކޮވިޑް 19 އާއި ގުޅިން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ އަންދާޒާތައް ހެދިފައިހުރީ އެކޮޅުކުޅުންނެވެ. އެއްވެސް އަންދާސާއެއް ދިމަލެއް ނުވިއެވެ. 3، 4 މަސް ގައުމު ލޮކްޑައުންކޮށްގެން ރާއްޖޭގެ ރިސޯޓް ވިޔަވާރިތަކާއިއެކު މެދު އަދި ކުދި ވިޔަފާރިތަކަށްވަނީ އަހަރު ދެ އަހަރުން ނޫނީ ސަލާމަތް ނުވެވޭނެ ވަރުގެ މާލީ ހަނަފަސްކަމަކާއި ކުރިމަތިލާންޖެހިފައެވެ. އެތައް ބައެއްގެ އެތައް އާއިލާއެއްވަނީ ނިކަމެތިވެ ބިކަވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ބަލިވެ ދުނިޔެ ދޫކުރި އިންސާނުންނަށްވުރެ ކޮވިޑް ސަބަބުން އަޅާފައިވާ ދަތިތަކުން ފަރުވާ ނުލިބި އެހެން ބަލިތަކުގައި މަރުވި މީހުންގެ އަދަދު ގިނައެވެ.

ކޮންމެއެކަސް ކޮވިޑް 19 ގައި މިސަކަރާތުގައި ރައްޔިތުންނަށް ދިމާވެފައިވާ މާލީ ހަނަފަސްކަމުން ސަލާމަތްކުރުމަށް ތަފާތު ނަންނަމުގައި ސްޓިމިއުލަސް ޕެކޭޖްތަކެއް ސަރުކާރުން ތައްޔާރުކޮށް ފައިސާ ބަހަންފެށިއެވެ. އަޅުގަނޑު ދަންނަ އެތައް ބައެއް ވަޒީފާ ގެއްލިގެންނާއި ދިމާވި އެކި ދަތިތަކަށް މި ފައިސާއަށް އެދި ހުށަހެޅިއެވެ. އަދި ނުއެއް ލިބެއެވެ.

މި ވާހަކަތައް ބަހައްޓާފައި އަސްލު މިސްރާބައް ދަމާ ހިނގާށެވެ. ލޮކްޑައުންގެ މިހާލަތުގައި ސަރުކާރުން ބުނަމުން އައީ އިދާރާތަކުން މެދުނުކެނޑި ހިދުމަތް ލިބޭނެ ކަމުގައެވެ. އެހެނެއްވެސް ނުވިއެވެ. އިދާރާތަކަށް އާއްމު ރައްޔިރުން ފޯރުކޮށްދިން ހިދުމަތްތަކަށް އަދި އަދަށްދާންވެސް ފައިސާއެއް ނުލިބެއެވެ.

ތަފާތު ނަންނަމުގައި އެކި ޕެކޭޗް ހަދައިގެން ފައިސާ ބެހުމުގެ ބަދަލުގައި އާއްމު ފަރާތަކުން އަމިއްލަ ޖީބުން ސަރުކާރުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ފައިސާ ނުލިބޭތާ މިހާރު 4 ވަރަކަށް މަސްވަނީއެވެ. އެހެންކަމުން މި ވާގޮތެއް ބަލައިލާން މަސައްކަތް ފެށީމެވެ. ކޮވިޑްގެ މިދަނޑިވަޅުގައި ބަޖެޓް މެނޭޖްނުކުރެވުނީއެވެ. ލިބިފައިހުރި ހިދުމަތްތަކަށް ފައިސާ ދިނުމުގެ ބަދަލުގައި އެޑްވާސްކޮށް އެއްކޮށް ކޮވިޑަށް ބޭނުންވާ ތަކެތި ގަންނަން ފައިސާ ދިނީއެވެ. އިވޭ އަޑުތަކަށް ބަލާއިރު މީގެ ތެރޭގައި ގިނައީ ކަރުދާސް ކުންފިތަކެވެ. މިނިސްޓަރުކަމަށް ތިމާ އައުމުގެ ކުރިން ތިމާގެ ނަމުގައިވާ ކޮންފުނިތައް އެއްބަޑުއެއްބަފާ މީހުންނާއި ތިމާގެ މީހުންގެ ނަމަށް ބަދަލުކޮށް އެ ކުންފުނިތަކުގެ ނަމުގައި ސެލެކްޓިވް ބިޑް ތަކަކުން ބޭނުންވާ ކުންފުނިތައް ހޮވައި އެޑްވާންސްތައް ބޮޑެތި އަދަދު ތަކުން ފައިސާ ދިނީއެވެ. ވެންޓިލޭޓަރު ހޯދަން ހަވާލުކުރި ދުބާއީ ކުންފުންޏަށްވަނީ އެއްކޮށް ފައިސާދީ ހަލާސްކޮށްފައެވެ. އެއީ ހަމައެކަނި ކަރުދާސްކޮށްފުންޏެކޭ ކިޔާ އަޑުވެސް ވަރަށް ގަދައެވެ. ކޮންމެކައަކަސް އެކަމުގެ ހަގީގަތް ބަލަން ޖެހޭ އިދާރާތަކުން ބަލައި އެކަންތައްތައް ރައްޔިތުންނާއި ހިއްސާކުރާނެ ކަމުގައި ދެކެމެވެ.

ކަންތައްތައް މިހެން ހުރުމުގެ ސަބަބުން ކުރެވިފައިވާ މަސައްކަތްތަކަށް އާއްމު ކުންފުނިތަކާއި މީހުން ހުށަހަޅާ ބިލްތަކަށް ފައިސާ ނުދެވި ބަންޑޭރި ޕޯޓަލްގައި ތާށިވެފައިވާތާ މިހާރު 4 ވަރަކަށް މަސްވަނީއެވެ. ބިލަކަށް ފައިސާ ލިބުނަސް ލިބެނީ ފަލަމަޑި ނުވަތަ ނޫމަޑި ފަދަ ކުންފުނިތަކަށެވެ. އަޑި އަޑިން ގާތްމީހުންނަށެވެ. މިނިސްޓަރު ބަލާ މިންގަނޑުތަކުންނެވެ.

ނޫމަޑިއަށް ބަދަލުދިން ގޮތަށް އާބިޓރޭޝަނަށް ގޮސްފިނަމަ ލިބޭނެ ގެއްލުން ބޮޑުވެދާނެތީއެވެ. ސެލެކްޓިވް ބިޑްތަކުން ވެންޓިލޭޓަރ ހޯދުމަށް ހަވާލުކުރީވެސް ވަރަށް ރަނގަޅު އަންދާސާއެއް ހަދައިގެންނެވެ. އެކަމަކު އެއެއް އަދި އަދަށްދާންވެސް ނުލިބެއެވެ. ބަޖެޓް ފޯކާސްޓް ހައެއްކަ ފަހަރު ހަދައި ދައުލަތަށް ލިބޭނެ ފައިސާގެ އަދަދު ހިސާބު ޖަހައިފިއެވެ. ދިމަލެއް ނުވިއެވެ. ހަދާއެއްވެސް ހިސާބު ދިމާއެއް ނުވެ ވިއްކަން އުޅުނު ބޮންޑްވެސް ނުވެ އެއްވެސް ކަމެއް ނުވީއެވެ.

މި ދަނޑިވަޅުގައި އިކޮނުމިކް ފޯކާސްޓް ރަނގަޅަށް ކުރަން އެގޭ ދުރުވިސްނޭ މިނިސްޓަރެއް ބޭނުންވާކަމުގައި ދަންނަވަމެވެ.

Advertisement

ކޮމެންޓް

Advertisement