ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާގެ ތެރެއިން...

04 Jul 2020 | 15:56

ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ބ އަތޮޅު ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާގެ ފަހު ތަޅާލުންގަނޑު ނިމި ބޮސް ހައްޔަރުކޮށް ޖެހިގެންއައި ދުވަހުގެ އިރު މެދުޖެހުނުއިރުވެސް ރައީސެއް ކީއްކުރަން މިނިސްޓަރަކުވެސް އުޅުނުހެނެއް ހިޔެއްނުވެއެވެ.

ތުޅާދޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދުވަހުގެ މެންދުރުފަހާއި، އެ ރޭ އެއްކޮށް ނުނިދައި ތިބީ ބަނދަރުމަތީގައި ދެންވާނެގޮތަކަށް ބަލަބަލައެވެ. އެ ދަނޑިވަޅުގައި ބޮޑުފިނޮޅުގައި ހިނގައިގެންއުޅޭ ހާދިސާއާއި ގުޅޭގޮތުން ސަރުކާރުގެ އެއްވެސް ބޭފުޅަކު ފޭސްބުކް ނުވަތަ ޓްވިޓަރގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ސިޔާސީކަމަކާއި ލައިގަނެއްޖެހިނދު މި އެންމެ ބޭފުޅުންގެ ޓްވިޓަރުތައް ވަރަށް އެކްޓިވްކަން ފާހަގަކުރެވެއެވެ.

ގާތްގަނޑަކަށް 200 އެއްހާ ބިދޭސީން، 13 ވަރަކަށް ދިވެހިން ރަހީނުކޮށްގެން އުޅޭތާ އެތައް އިރެއް ވީފަހުން ރައްޔިތުންނަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ، 10 ގަޑިއިރު ފަހުންނެވެ. އެއީ ފުލުހުންގޮސް ރަށަށް އެރުމުންނެވެ

ވާނުވާ ނޭނގި ހުރިހާލު، އިރުހުއްޓާ އެކަށީގެންވާ ވަގުތު ލިބުއިރު ޑްރޯން ފަދަ ވަސީލަތެއް ބޭނުންކޮށްގެންވެސް ރަށުތެރޭގައި ހިނގާ ކަންކަން ފުލުހުންނަށް ބަލާލެވުނީހެވެ. ދިޔަވަރުހިކިގެން ރަށަށް ނޭރުނަސް ވައިގެމަގުންނަމަވެސް އިންޑިއަން ހެލިކޮޕްޓަރުގައި ރަށަށް އެރުނީހެވެ. ބޮޑު ހަރަދުކޮށްފައި އެމެރިކާ އަށާއި ރަޝިއާއަށްގޮސް ހަނގުރާމައިގެ ތަމްރީނުތައް ހަދަނީ މިބާވަތުގެ ކަންކަން ޖެހިދާނެތީއެވެ. ފަހަރެއްގައި ޕްރެކްޓިކަލީ ތަޖުރިބާ ނެތަސް ތިއަރިޓިކަލީ ހޯމްވަރކްތަކެއް ހެދިފައި ހުންނާނެއެވެ.

އެދުވަހާއި އެ ރޭ އަޅުގަނޑަށް ފާހަގަވި އަނެއްކަމަކީ ތުޅާދޫގައި އުޅޭ އެމީހުންނާއި ގުޅުންހުރި ބިދޭސީ މަސައްކަތު މީހުންނާއި، ބޮޑުފިނޮޅުގައި ތިބި ބިދޭސީ މީހުންނާއި ދެމެދު ކުރިއަށްގެންގޮސްފައިވާ މުއާމަލާތްތަކެވެ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ތުޅާދޫއިން އެރަށަށް ދާންއުޅޭ ފުލުހުންގެ އަދަދާއި އެނޫންވެސް މައުލޫމާތު އިނގެއެވެ.

މިހާހިސާބުން އިހަކަށް ދުވަހަކު ބެލި ފިލްމަކުން އަޅުގަނޑަށް އެނގުނު ޓްރިކެއް ލިޔެލާނަމެވެ. އަޅުގަނޑު މިއީ އެ އޮޕަރޭޝަނުގެ ކޮމާންޑަރުނަމަ، އެވަގުތު ބޮޑުފިނޮޅުގައި މުއާމަލާތްކުރަމުންދާ ހުރިހާ މޯބައިލް ޑިވައިސްތައް ފޮލޯކުރާނަމެވެ. އޭރުންވެސް ލައްކަ މައުލޫމާތު ލިބޭނެތާއެވެ. ރާއްޖޭގައިވެސް މޯބައިލް ފޯނުން މީހުން ދައްކާފައި ހުންނަ ކޯލްތައް އަޑުއެހުމުގެ ޤާބިލްކަން ކަމާއިބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

ވާނުވާ ނޭނގި 10 ގަޑިއިރުވަންދެން ބަޔަކު ރަހީނުކޮށްފައި ބޭތިއްބުމަކީ ކުޑަކަމެއްނޫނެވެ. މިއުޅެނީ 1986 ވަނަ އަހަރުގައެއް ނޫނެވެ. ފުލުހުން އޮޕަރޭޝަންތައް ކުރިއަށްގެންދާއިރު، ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހެއެވެ.

Advertisement

ކޮމެންޓް