ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ކުރި މަސައްކަތަށް އިނގިރޭސި ސަފީރުގެ ތައުރީފް!

04 Jul 2020 | 17:29

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ކުރި މަސައްކަތަށް އިނގިރޭސިވިލާތުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ކެރޮން ރޮސްލަރ ތައުރީފްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި އެކަމަނާ ވިދާޅުވީ މި ބަލިމަޑުކަމުގެ ތެރޭގައި ހުންނެވީ ދިވެހިރާއްޖޭގައި ކަމަށާއި، އެކަމާއި ދެކޮޅަށް ސަރުކާރާއި، ސިއްހީ މަސައްކަތްތެރިންނާއި، ސަރުކާރުގެ އިދާރާތަކާއި އަދި ފަތުރުވެރިކަމުގެ ސިނާއަތުން ކުރި މިންނެތް މަސައްކަތް ދެކިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ކޮވިޑް-19 ބައްޔަށް މީހުން ޓެސްޓްކޮށް، ޓްރޭސްކޮށް ކޮންޓެއިންކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވި ފަތުރުވެެރިންނަށް ރަނގަޅަށް އަޅާލިކަމަށް ކެރޮން ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރު ދަށްވަމުންދާ ކަމަށާއި، ފާއިތުވެދިޔަ ހަފްތާތަކުގައި ކުރިން އެޅިފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބިފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިނގިރޭސި ސަފީރު ވަނީ އިނގިރޭސިވިލާތުން ބޯޑަރ ކޮންޓްރޯލް ލުއިތައް ދިން ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަރަށް އަވަހަށް ހިމެނިގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ބަލީގެ ހާލަތާއި ގުޅޭގޮތުން ދިވެހި ސަރުކާރުން ފޯރުކޮށްދެމުންދާ މައުލޫމާތުތަކަށް އެކަމަނާ ވަނީ ޝުކުރު ދަންނަވާފައެވެ.

ކެރޮން އިތުރަށް ވިދާޅުވިގޮތުގައި މި ދަނޑިވަޅުގައި އެންމެ މުހިންމުކަމަކީ ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާގޮތެއްގައި ދެމިއޮވެ، ފެންނަމުންދާ ކޭސްތަކުގެ އަދަދު އިތުރަށް ދަށްވަމުން ދިއުމެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކަށްވެސް މުހިންމު ދައުރެއް އަދާކުރެއްވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް