ރައީސަކަށް ހުންނަ މީހަކަށް ދައުލަތުގެ ހުރިހާ އިދާރާއަކުން ކުރާ ހުރިހާ މަސައްކަތެއް ނޭނގޭނެ"

09 Jul 2020 | 10:45

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކަށް ދައުލަތުގެ ހުރިހާ އިދާރާއަކުން ކުރާ ހުރިހާ މަސައްކަތެއް ނޭނގޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އިއްޔެގެ އަޑުއެހުމުގައެވެ.

މި އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގުޅުއްވީ ގއ.ވޮޑަމުއްލާގެ ފައިސާ ހޯދުމަށް ނޫންކަމަށާއި، އެކި ސިޔާސީ ބޭނުންތަކަށް ލިބިފައިވާ ފައިސާ އަދީބުގެ އަތުގައި ހުންނާނެތީ އެ ފައިސާ ހޯދުމަށްޓަކައި ކަމަށެވެ. އެގޮތުން ސިޔާސީ މަސައްކަތްތަކަށް ފަސް މިލިޔަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށާއި، އެ ފައިސާއާއި ހަވާލުވެ ވަޑައިގެންނެވީ އަދީބާއި ކުރީގެ ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު ވަނީ ވޮޑަމުއްލާއަކީ އޮންނަ ރަށެއްކަންވެސް އެނގިވަޑައިގެންނެވީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުންކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެސްއޯއެފްއިން އެއް މިލިޔަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިއިރުވެސް، ހަމަ އެވަރަށް އެކައުންޓްގައި ފައިސާ ހުންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ދައުލަތުގެ ހުރިހާ އިދާރާއަކުން ކުރާ ހުރިހާ ކަމެއް އެނގިވަޑައިނުގަންނަވާނެކަމަށްވެސް ވިދާޅުވިއެވެ.

"އޭރަކު ރައީސަކަށް ހުންނަ މީހަކަށް ދައުލަތުގެ ހުރިހާ އިދާރާއަކުން ކުރާ ހުރިހާ މަސައްކަތެއް ނޭނގޭނެ. އެއީއެއް ނޫން ގާނޫނު ހަމަޖެހިފައި އޮންނަގޮތަކީ" ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ ވަކީލުންނާއި ބައްދަލުކުރުމަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭކަމަށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް