ގެސްޓްހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު!

09 Jul 2020 | 14:18

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް މޫސާ ނާސިހު މަގާމުން އިސްތިއުފާދެއްވީ، އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ އަހުމަދު ހަސަންގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާގެ މައްސަލައެއް ނުބެލުމުންކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމަށްވާ "ސަން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޭމްގެ އިދާރީ އޮފީހުގައި އުޅޭ އަންހެންކުއްޖެއްގެ ޖިންސީ ގުނަވަންތަކުގައި ނުރުހުމުގައި އަތްލާ ޖިންސީ ގޯނާކޮށްފައިވާކަމުގެ ތުހުމަތު ސައުދުﷲގެ މައްޗަށް ވަނީ ކުރެވިފައެވެ. މި ވާހަކަތައް އެ އަންހެންކުއްޖާ އެސޯސިއޭޝަންގެ އެކްސްކޯގެ މެންބަރަކަށް ހިއްސާކޮށްފައިވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހުގައެވެ.

އެ އަންހެންކުއްޖާ ވަނީ ސައުދުﷲގެ އަމަލުތަކުގެ ސަބަބުން، ލޮކްޑައުނަށްފަހު އޮފީހުގެ މަސައްކަތްތަކަށް ނުކުންނަން އުޒުރުވެރިވާކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން މިމަހުގެ 5ވަނަ ދުވަހު ގޭމްގެ ރައީސް ނާސިހު ސޮއިކުރައްވާ ވަނީ، އިންޓާނަލް އެފެއާޒް ކޮމެޓީއަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން އެސްޖީގެ މަސްއޫލިއްޔަތުތަކުން ދުރުކުރެވިފައިވާކަމަށް ސައުދުއަށް ސިޓީއަކުން އަންގާފައެވެ.

ނަމަވެސް މި މައްސަލަ އެކަށީގެންވާ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ނާސިހު މިއަދު ވަނީ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ނާސިހު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާގޮތުގައި މި މައްސަލައަކީ ގޭމް ގެ ހިންގާ ކޮމިޓީއަށް މި އަހަރުގެ ޖޫން މަހު 23 ވަނަ ދުވަހު ހުށަހެޅިފައިިވާ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާކުރުމުގެ މައްސަލައެކެވެ.

އެގޮތުން އެ މައްސަަލައާއިގުޅިގެން އެކަމަށް ޚާއްޞަ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލައެއް ހުށަހެޅި އެމައްސަލައިގެ ތަހުގީގު ރަނގަޅަށް ކުރިއަށް ނުދާތީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްތިއުފާދެއްވިއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ ވަޙީދުގެ ޖިންސީ ގޯނާއާއި ފުރައްސާރައިގެ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވެއެވެ. 

Advertisement

ކޮމެންޓް