ޖަމާއަތުގައި ގައިދުރުކޮށްގެން ނަމާދުކުރުމާއި މެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް!

11 Jul 2020 | 15:04

މާލޭ ސިޓީގެ ފުރަބަންދަށް ލުއިދިނުމުގެ ކަންތައްތަކުގެ ތެރެއިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެވިފައިވާއިރު، އެކަން ކުރުމުގައި އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރުމާއި މެދު ދީނީ އިލްމުވެރިންގެ މެދުގައި ދެބަސްވުންތަކެއް އުފެދިއްޖެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ ފަދަ ގޮތަކަށް މާލޭގެ މިސްކިތްތައް މިހާރު ހުޅުވާލެވިފައިވާއިރު، ނަމާދުކުރަމުންދަނީ ސަފުހެދުމުގައި ގައިދުރުކަން ތަންފީޒުކުރުމެއް ނެތިއެވެ. ނަމަވެސް ދުނިޔޭގެ އެހެނިހެން އިސްލާމީ ގައުމުތަކުންނާއި ޖަމާއަތްތަކުން ދަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން، ޖަމާއަތުގައި ނަމާދުކުރާއިރު މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ތަންފީޒުކުރަމުންނެވެ. 

މި މައްސަލައާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ބަލިމަޑުކަން ފެތުރިފައިވުން ފަދަ ޝަރުޢީ އުޒުރެއް މެދުވެރިވެގެން ގައިދުރުކޮށް ތިބެ ނަމާދުކުރުން ނަމާދުން ލިބޭ ސަވާބަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ނަމާދުގެ ސަވާބު ބިނާވެގެން ވަނީ ނަމާދުގެ ޚުޝޫޢަތްތެރިކަމުގެ މައްޗަށްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ހަމަ މި މޭރުމުން ވާހަކަދައްކަވަމުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި  ވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެކަމަށާއި މިހާރު ދިމާވެގެން މިއުޅެނީ  އެފަދަ ސަބަބެއްކަމަށެވެ. އަދި ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުގައިވެސް މިދުވަސްކޮޅު ޖަމާޢަތުގައި ސަފު ހަދަނީ  ގައިދުރުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުމުގެ މަތިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ދީނީ އިލްމުވެރިން ދަނީ ޖަމާއަތުގައި ނަމާދުކުރާއިރު، ގައިދުރުކަން ތަންފީޒުކުރުމަކީ ކުރެވިދާނެކަމެެއް ނޫންކަމަށް ބުނަމުންނެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް އަބްދުއްލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާ އަކީ އަނގައިގެ ކުޅުން ނުވަތަ ނޭވާލާއިރު ނިކުންނަ ވައިން އަނެކާގެ ގަޔަށް އަރާ ބައްޔެއް ކަމަށް ޑރ އިން ވިދާޅުވާކަމަށެވެ. އެހެންކަމުން ނަމާދުކުރާ އެންމެން މާސްކް އަޅައިގެން ތިބީމަ އެކަންތަކުން ސަލާމަތްކަން ލިބޭކަމަށާއި އަދި ނަމާދަށް ތިބޭ އިރު ގައިދުރުކަން ބަހައްޓާކަށްވެސް ނުޖެހޭކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.


ފޮޓޯ ސުލްވާނާ ޝިހާބް

Advertisement

ކޮމެންޓް