ރަށްރަށުގެ ބަނދަރު ހެދުމުގައި އީއައިއޭ ހަދާގޮތް އިތުރަށް ރަނގަޅު ކުރަންޖެހޭ: ހައިތަމް

12 Jul 2020 | 13:10

ދިވެހިރާއްޖޭގެ ރަށްރަށުގެ ބަނދަރު ހެދުމުގައި އެންވަޔަރމެންޓް އިމްޕެކްޓް އެނަލިސިސް ނުވަތަ އީއައިއޭ ހަދާގޮތް އިތުރަށް ރަނގަޅު ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ވ.ރަކީދޫ ބަނދަރުގެ މައްސަލައިގައި ކުރެއްވި ޓްވީޓެއްގައެވެ. ހައިތަމްއަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މެންބަރެކެވެ.

ހައިތަމް ވިދާޅުވީ ބަނދަރުތައް ހެދުމުގެ އީއައިއޭގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެ ސައިޓާއި ގުޅުންހުރި ދިގު މުއްދަތެއްގެ މޮނީޓަރިންގ މައުލޫމާތުތައް މަދުވުން ކަމަށެވެ. އެގޮތުން އެންމެ ދުވަހެއްގެ އޮއެވަރާއި ދިޔަވަރުގެ މައުލޫމާތުތަކަކީ، ރަށްރަށުގެ ހޭޅިފަށުގެ ތަފާތުކަމުގެ ކުޑަ މިންވަރެއް މެނުވީ އަންގައިދޭނެ އެއްޗެއް ނޫންކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ބަނދަރު ހެދުމަށް ފަހުވެސް ގިނަ ރަށްރަށުގައި ރަށްގިރުމުގެ މައްސަލަ ދިމާވަނީ މިހެންވުމުގެ ސަބަބުންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މެންބަރު ހައިތަމް އިތުރަށް ވިދާޅުވީ ހޭޅިފަށުގެ ތަފާތުތައް ދެނެގަތުމަށްޓަކައި ދިގު މުއްދަތަކަށް މާނަވީ ދިރާސާތައް ކުރަންޖެހޭކަމަށެވެ. އަދި ރާޅާއި ދިޔަވަރުގެ ބަދަލުތަކަކީ މޫސުމީ ހަރަކާތްތަކަށް އަންނަ ބަދަލުތަކާއި އެޓޯލް މޯފޮލޮޖީއާއި ގުޅިލާމެހިފައިވާ އެއްޗެއްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. 

އަދި މަޝްރޫއުގެ އެހެނިހެން ބައިތައް ދެނެގަންނަން ސޯޝަލް އިމްޕެކްޓެއްގެ މުހިންމުކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި ރައްޓެހިގޮތަކީ ކޮބައިކަން ހިތަށް އަރުވާލައިގެން ތިމާވެއްޓަށް ހެޔޮނުވާނެކަމަށް މެންބަރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް