އެންއައިސީގެ ތިން މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފި

13 Jul 2020 | 06:06

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ތިން މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެންބަރުންގެ މަގާމުގައި ތިއްބެވި އަހުމަދު އަމީން އަދި ޚަދީޖާ އަބްދުﷲ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާދެއްވާފައެވެ.

ފާހަގަކޮށްލެވޭ މި ބޭފުޅުން މަގާމުން އިސްތިއުފާދެއްވާފައިވަނީ، މި ފަރާތްތައް މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެންއައިސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން މަގާމުން ވަކިކުރުމަށް ލަފާދޭންވެސް ވަނީ ނިންމާފައެވެ.

މިއާއިއެކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހުޅުވާލައްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 19، 20 އަދި 21 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް